21 Dec 2010, 04:28
ތައިލެންޑްގެ ޓުއަރިސްޓުންގެ ބަޔަކު ގޮވައިގެން މެލޭޝިޔާގައި ދަތުރުކުރި ބަހެއް ފުރޮޅާލުމުގެ ސަބަބުން އެއިން ދަތުރުކުރި މީހުންގެ ތެރެއިން 26 މީހަކު މަރުވެއްޖެ އެވެ. މެލޭޝިޔާގެ ހައިވޭ އަކުން ދަތުރުކުރަނިކޮށް މިބަސް ފުރޮޅާލާފައިވަނީ ފަތުރު ވެރިންނަށް މަޝްހޫރު ސަރަހައްދަކަށް ދިޔުމަށްފަހު އެނބުރި ކުއާލަލަމްޕޫރަށް ދަތުރު ކުރަނިކޮށެވެ. މި އެކްސިޑެންޑް ހިނގިވަގުތު 22 މީހުން މަރުވި ކަމަށާ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ 4 މީހަކު މަރުވި ކަމަށް މެލޭޝިޔާގެ މީޑިޔާ ބުނެ އެވެ. ބަސް ފުރޮޅާލުމުގެ މިހާދިޘާގައި އިތުރު ބަޔަކަށް ބޮޑެތި އަނިޔާތައް ވެފައިވެ އެވެ. މިޙާދިޘާ ހިނގީ ޑްރައިވަރުގެ ފަރުވާކުޑަކަމުން ކަމަށް މިޙާދިޘާއިން ސަލާމަތްވި ބައެއް މީހުން ބުނެ އެވެ. މެލޭޝިޔާގެ ފުލުހުން ގެންދަނީ މި ޙާދިޘާއާބެހޭ ތަޙްޤީޤްތައް ކުރަމުންނެވެ.