10 Mar 2014, 18:56
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ޒުވާނަކާއި 18 އަހަރުގެ ޒުވާނެއްގެ އިތުރުން އުމުރުން 17 އަހަރުގެ ދެ ކުޑަކުދިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު މެންދުރު ފަހު 3:36 އެހައިކަންހާއިރުޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މއ.އެރީނާގެއިން ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެގެއަށްވަދެ ބަލައި ފާސްކުރިއިރު އެގޭތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 80 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.