10 Mar 2014, 17:45
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ތަޢާރަފްކޮށްފައިވާ "ގެދޮރުވެރިކުރުން" ޕްރޮގުރާމްގެ ދަށުން ގެދޮރު އިމަރާތް ކުރުމަށް ދޫކުރަން ހަމަޖެހިފައިވާ އިސްލާމިލް ފެސިލިޓީ އަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީ ބުނެފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒް ވިދާޅުވީ ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ސަރުކާރުން ދޫކުރާ އިސްލާމިކް ފެސިލިޓީ އަކީ ގޯތީ ލިބި އެހެން ނަމަވެސް ފައިސާގެ ދަތިތަކާ ހުރެ ގެދޮރު އިމާރާތް ނުކުރެވިތިބި ފަރާތްތަކަށް ދޫކުރާ ފެސެލިޓީއެއް ކަމަށެވެ.
"ބޯހިޔާވެހިކަން ހޯދައިދިނުމުގެ ޕްރޮގްރާމްގެ ދަށުން ސަރުކާރުން ތައާރަފުކޮށްފައިވާ "ގެދޮރުވެރިކުރުން" ޕްރޮގުރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ފެސިލިޓީސް އަޅުގަނޑުމެން މިއަދު ދޫކުރަން ފަށައިފިން. އެއީ ސަރުކާރުން ދޫކުރާ ގޯތީ ލިބި އެހެން ނަމަވެސް ފައިސާގެ ދަތިކަމާ ހުރެ ގެދޮރު އިމާރާތް ނުކުރެވިތިބި ފަރާތްތަކަށް ގެދޮރު އިމަރާތް ކުރުމަށް ދޫކުރާ ފެސިލިޓީ އެއް،" މިނިސްޓަރު މުއީޒް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމިކް ފެސިލިޓީސް ސްކީމަކީ އިސްލާމިކް ފައިނޭސްގެ އުސޫލުތަކުގެ މަތިން ހިންގާ ސްކީމެއް ކަމަށެވެ. އެގޮތުން އެ ފެސެލިޓީސްގެ ދަށުން ގެއެއް ހެދުމަށް އެންމެ ގިނަވެގެން ދޫކުރާނީ 4000،000 ރުފިޔާ ކަމަށާއި އަދި އެންމެ މަދުވެގެން ދޫކުރާނީ 50،000 ރުފިޔާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެއަދި އެ ފެސިލިޓީސްގެ ދަށުން ދޫކުރާ ފައިސާގެ 30 ޕަސެންޓް ދޫކުރާނީ އުމުރުން 18 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުން ކަމަށް އޭނަ ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ފެސެލިޓީސް އަނބުރާ ދެއްކުމަށް އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ދެވޭނީ 20 އަހަރު ކަމަށެވެ.
މިނިސްޓަރު މުއީޒް ވިދާޅުވީ އިސްލާމިކް ފެސިލިޓީސްގެ ދަށުން ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ފައިސާ ހޯދާ ފަރާތްތަކުގެ ރަހުނުގެ ގޮތުގައި ހައުސިން ޑިވޮލޮޕް މެންޓް ކޯޕްރޭޝަން އަށް ނެގޭނެ ކަމަށެވެ.
އިސްލާމިކް ފެސިލިޓީގެ ދަށުން ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ފޯމު ދޫކުރަން ހަމަޖައްސާފައި ވަނީ މިއަދުން ފެށިގެން އޭޕްރީލް 24ގެ ނިޔަލަށެވެ. ފޯމުތައް ބަލައިގަންނާނީ އަންނަ މަހުގެ އެކަކުން ފެށިގެން މޭ 15 ނިޔަލަށް ކައުންސިލްތަކުންނެވެ.
ފެސިލިޓީ އަށް އެދި ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އާއިލާ އާއި އަމިއްލަ އަށް ދިރިއުޅޭނެ އެކަށީގެންވާ އަމިއްލަ ހިޔާވައްސެއް ނެތުމާއި ފެސިލިޓީ އަށް އެދޭ ފަރާތްތަކުގެ ނަމުގައި ބިމެއް ރަޖިސްޓްރީވެފައި އޮންނަން ޖެހުން ފަދަ ކަންކަން ހިމެނެ އެވެ.