10 Mar 2014, 17:37
އެސްޓީއޯގެ ބިޒުނަސް ޕްލޭން ހެދުމަށް ލަންކާގެ ކުންފުއްޏަކާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަންކާގެ ޗާޓުސް ކޮންސަލްޓެންޓް އާ އެވެ.
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓާ އާދަމް އާޒިމް މިއަދު ވިދާޅުވީ އެ ޕްލޭންގެ ދަށުން އެކުންފުނިން ޝިޕިންގް ލައިންގެ މަސައްކަތާއި ފިއުލް އާއި ސުޕަމާކެޓް އާއި ހޯމް އިމްޕުރޫވްމަންޓްގެ އިތުރުން މެޑިކަލް ދާއިރާ ފުޅާކުރަން ސުޓަޑީތައް ހެދިގެން ދާނެ ކަމަށެވެ. އަދި އެންމެ ރަނގަޅަށް މުދާ ގެންގުޅޭނެ ގޮތުގެ ސުޓަޑީއެއް ހެދުމާއި ރިއަލް ސްޓޭޓް ފުޅާކުރުމުގެ އިތުރުން ޕާކް ކުރެވޭ ގޮތަށް ހައިޕާ މާކެޓެއް ހެދުމުގެ ސުޓަޑީޒް ތައްވެސް އެޕުލޭންގައި އެކުލެވިގެންވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ސުޓަޑީތައް ހަދާނީ ނިމޭނީ އޭޕްރީލް މަހު ކަމަށާއި އެއާ އެކު އެއަށް އަމަލުކުރަން އެކުންފުނިން މަސައްކަތް ފަށާނެ ކަމަށެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެކުންފުންޏަށް 41 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށާއި އެއީ ރެކޯޑް މިންވަރެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
"... އަޅުގަނޑުމެން (ފައިދާ) 41 މިލިޔަން ރުފިޔާ އަށް އަރުވާފައި މިވަނީ އެންމެ ސެންޓެއް ވެސް ރައްޔިތުންނަށް ވިއްކާ މުދަލުގެ އަގުބޮޑު ނުކޮށް. އަޅުގަނޑުމެން މަސައްކަތްކޮށްފައި ވަނީ އަޅުގަނޑުމެންގެ މެނޭޖްމެންޓް ޓީމްގެ އެފިޝަންސީ އިތުރުކޮށްގެން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ތެޔޮ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންޑީއާ އިން ތެޔޮ އެތެރެ ކުރުމަށް ކުރެވޭ މަޝްވަރާތައް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.