10 Mar 2014, 17:14
އިލެކްޝަންސް ކޮމިޝަނަށް މިހާރު ދިމާވެފައިވާ ހާލަތަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ޓަކައި ކުރަން ޖެހޭ އެންމެހައި ކަންކަން އެ ކޮމިޝަނަށް ނުކުރެވޭނެ ހާލަތެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ވަކިވެފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާޙަދާތަކުގައި ބަޔާންކުރާ ފަދަ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ނުވެވޭ ފަދަ ހާލަތެއް މެދުވެރިވެރިވެފައި ވާތީ އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
"ދިވެހި ޑިމޮކްރަސީ ބިނާވެފައިވާ ތިންބާރުންކުރެ އެއް ބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކުޑަތަންވެފައިވަނިކޮށް ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި އިންތިޚާބުތަކާ ގުޅޭ ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާޙަދާތަކުގައި ބަޔާންކުރާ ފަދަ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ޓަކައި ކުރަން ޖެހޭ އެންމެހައި ކަންކަން ނުކުރެވޭ ޙާލަތެއް އިލެކްޝަންސް ކޮމިޝަނަށް މެދުވެރިވެފައި ވާތީ ހިއުމަން ރައިޓްސް ކޮމިޝަނުން ނުހަނު ކަންބޮޑުވަމެވެ."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނާއިބު ރައީސްގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފައި ވާތީ އެ ކޮމިޝަނުން ހިތާމަ ކުރާކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެހެންމެ އިއްޔެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެކު އުފެދިފައިވާ މައްސަލަތަކަށް އަވަސް ޙައްލުހޯދަދިނުމަށް ރައްޔިތުންގެ މަޖިލިހަށާއި ކަމާގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކަށް އެކޮމިޝަނުންވަނީ ގޮވާލާފަ އެވެ.
މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ގާނޫނީ ވާޖިބު އަދާކުރުމަށް އެންމެހައި ކަންކަން ފަހިވެފައިވާ އިލެކްޝަންސް ކޮމިޝަނެއްގެ ބެލުމުގެ ދަށުން، މިނިވަން އިންސާފުވެރި މާހައުލެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚުގައި ބޭއްވުމަށް އެޗްއާރުސީއެމް އިން ވަނީ ގޮވާލާފަ އެވެ.
ހަމައެހެންމެ "މިނާޒުކުގެ ދަނޑިވަޅުގައި" ރައްޔިތުންގެ ނުތަނަވަސްކަން އިތުރުވެދާނެ އަދި ހަމަނުޖެހުން އުފެދި ގައުމީ މަސްލަހަތަށް ބުރޫއަރައި، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އޮންނަ ޖެހޭ މާހައުލު ގެއްލި ދާނެފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.