އޭއެފްސީ ކަޕްގެ ގްރޫޕް އެފްގައި މާދަމާ މާޒިޔާއާ ދެކޮޅަށް މެލޭޝިއާގެ ސެލަންގޯއާ ކުޅޭ މެޗު އުނދަގޫވާނެ ކަމަށާއި މާޒިޔާ އަކީ ވަރަށް ރަނގަޅު ޓީމެއް ކަމަށް ސެލަންގޯގެ ކޯޗު މެހްމެތު ޑުރަކޮވިޗް ބުނެފި އެވެ.

މި މެޗަށް ސެލަންގޯ ނުކުންނަ އިރު، އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާ އެރީމާ އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެހެންކަމުން، މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ސެލަންގޯގެ ކޯޗު ޑުރަކޮވިޗް ބުނެފައިވެ އެވެ.

"މި މެޗަކީ ވަރަށް މުހިންމު މެޗެއް. މާޒިޔާ އަކީ ވަރަށް ރަނގަޅު ޓީމެއް. އަދި އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅޭ މި މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ. އަހަރެން ދެކޭގޮތުގައި، އަހަރެމެން ޓީމުގެ ކުޅުންތެރިންނަކީ ޕްރޮފެޝަނަލް ބައެއް. ކުޅުންތެރިންގެ ވަޒީފާ ރަނގަޅަށް އަދާކޮށް، ޓެކްޓިކްސްތަކާއި ޓީމުގެ ފިލޯސޮފީއާ އެއްގޮތަށް ކުޅޭ ނަމަ، ރަނގަޅު ނަތީޖާއެއް ނެރެވޭނެ." މިއަދު މެންދުރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއޭމް)ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޗު ޑުރަކޮވިޗް ބުނެފައިވެ އެވެ.

ގްރޫޕް ސްޓޭޖުގައި ސެލަންގޯ ކުޅުނު ފުރަތަމަ މެޗަށް އަލިއަޅުވާލައި ޑުރަކޮވިޗް ބުނީ، އެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށާއި އެ މެޗަކީ މޮޅުވެވެން ޖެހޭނެ މެޗެއް ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ، ކުރިން ކުޅުނު މެޗުން ވެސް އަހަރެމެންނަށް މޮޅުވެވުނީސް. އަހަރެމެންނަށް ގިނަ ފުރުސަތުތަކެއް ވެސް ލިބުނު. އެހެންކަމުން މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ އަހަރެމެންނަށް މުހިންމު މެޗަކަށް ވާނެ. މުބާރާތުގައި ގިނަ ޕޮއިންޓް ހޯދުމަކީ އަހަރެމެންނަށް މުހިންމު ކަމެއް." ސެލަންގޯގެ ކޯޗު ބުންޏެވެ.

ރާއްޖޭގެ ޓީމުތަކާއި ދެކޮޅަށް މީގެ ކުރިން ވެސް ސެލަންގޯ ބައްދަލުކޮށްފައިވެ އެވެ. ގަލޮޅު ދަނޑުގައި ކުރިން ސެލަންގޯ ތިން މެޗެއް ކުޅުނު އިރު، އޭގެ ތެރެއިން ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. މާދަމާ އެ ކަމަށް ހައްލެއް ގެނެވޭނެ ކަމުގައި ޑުރަކޮވިޗް ގަބޫލުކުރެ އެވެ.

"އަހަންނަށް އެނގޭ މާލޭގައި ކުޅުނު މެޗުތަކުގައި ރާއްޖޭގެ ކްލަބުތަކާ ދެކޮޅަށް ސެލަންގޯގެ ރެކޯޑް އެހާ ރަނގަޅު ނޫންކަން. އެކަމަކު ފަހަރެއްގައި އަހަންނަނަކީ ނަސީބު ގަދަ ކޯޗަކަށް ވެދާނެ،" އޭނާ ބުންޏެވެ. "ހުރިހާ ކުޅުންތެރިން ވެސް ހުރީ ފިޓްކޮށް. އަދި މިހާތަނަށް އެއްވެސް އަނިޔާގެ މައްސަލައެއް ނެތް."

މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ސެލަންގޯ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން 16:00 ގަ އެވެ.