10 Mar 2014, 16:25
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރައްވާފައި ވަނީ ގާނޫނުއަސާސީ އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އެ ދެ ބޭފުޅުން އެހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، އުއްތަމަ ފަނޑިޔާރަށާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މިއަދު ފޮނުއްވެވި ސިޓީއެއްގަ އެވެ.
ޝާހިދާއި ނާޒިމް ސޮއި ކުރައްވައި ފޮނުވި ސިޓީފުޅުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި ނައިބް ރައީސް މަޤާމުން ވަކިކޮށްފައި ވަނީ އެ ކޮމިޝަންގެ މެންބަރުން މަގާމުން ވަކިކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީ އާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާ ޚިލާފަށް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބް ރައީސް އަހުމަދު ފަޔާޒް ހަސަން މަގާމުން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާއި ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ނިންމަވާފައި ވަނީ ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމާމެދު ޤާނޫނީ ނަޒަރަކުން ބައްލަވައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާފުޅުގެ މައްޗަށް ކަމަށް މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"އެ ދެ މީހުންގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅާފައިވާއިރު، އިލްކެޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމާގުޅޭ އިޖުރާޢަތުތަކާއި، އެ ކޮމިޝަނުގެ މެންބަރުން މަޤާމުން ވަކިކުރުމާ ގުޅޭ އިޖުރާޢަތުތަކާއި، ކޮމިޝަނުގެ މެންބަރެއްގެ މަޤާމު ހުސްވެއްޖެކަމަށް ބެލޭނެ ޙާލަތްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކަކާއި، ޙާލަތްތަކެކެވެ،" ރައްޔިތުންގެ މަޖިލީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔަނުގެ ބަޔާނުގައި ބުނެފައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމާއި، އެކޮމިޝަނުގެ މެންބަރުން މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީއާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތައް ޙަވާލުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
"އެހެންކަމުން، ޤާނޫނު އަސާސީގެ 177 ވަނަ މާއްދާއަށާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ ފަސް ވަނަ މާއްދާ އާއި، 10 ވަނަ މާއްދާއާއި 14 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ މާއްދާތަކުގެ އަލީގައި ސުޕްރީމް ކޯޓުގެ ނަންބަރު ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤާއި، އެ ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު ފަޔާޟްގެ ކިބައިން އެ ކޮމިޝަނުގެ މެންބަރުކަމުގައި ދެމިތިބުމުގެ ޙައްޤާއި ޤާނޫނީ ޙައިސިއްޔަތު ގެއްލިފައިވާ ކަމަށާއި، އެ ދެމީހުންގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅުއްވާފައިވަނީ އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާއި، ޙާލަތްތަކުގެ ބޭރުންކަން ފާހަގަކުރެވެ އެވެ،" މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނައިބް ރައީސް އަހުމަދު ނާޒިމް ސޮއި ކުރައްވައި ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ސޮއިކުރައްވާފައިވާ ސިޓީގައި ބަޔާންކުރައްވާފައިވާ ވާހަކަތައް ރައީސް ދަންނަވާފައި ވަނީ، ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަމުގައި ބަޔާންކޮށްފައިވާތީ އާއި، އުއްތަމަ ފަނޑިޔާރަށް ދަންނަވާފައިވަނީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ޢަދަލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވާތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމުގައި ބަޔާންކޮށްފައިވުމާއި، ދައުލަތުގެ ބަންޑާރަ ނައިބަށް ދަންނަވާފައި ވަނީ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ) ގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާ އާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް ބަންޑާރަ ނައިބު މަސައްކަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވާތީ ކަމަށެވެ.