މިމަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ޓަކައި ކުރަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރުކުރި ނަމަވެސް އެ މުއްދަތުގައި އެކަން ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ނާއިބު ރައީސް އަހްމަދު ފަޔާޒުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައެޅި ނަމަވެސް، މިމަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ޓަކައި ކުރަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ޓަކައި އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު މެނދު ކަނޑާލުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު މިއަދު ވިދާޅުވީ މިމަހުގެ 22ގައި އިންތިހާބު ބޭއްވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަލަށް ހޮވާ ކޮމިޝަނާ އެކު އިންތިހާބަށް ދިއުމަކީ ވެސް ތާއީދު ކުރާ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އާ ކޮމިޝަނަކާއި އެކުގައި އިންތިހާބަށް ދިއުމަކީ އެއްވެސް ގޮތަކަށް ކަމުދާ ގޮތެއް ނޫން. މި އިންތިހާބު ދާންޖެހޭނީ ގާނޫނީ ހަމަތަކުގެ މަތިން. އޭގެން އަޅުނގަޑުމެން ކައްސާލައިގެން ހިންގަން އުޅޭ ކަމެއްގައި. އަޅުނގަޑު ދެކޭ ގޮތެއްގައި ރަނގަޅެއް ނުނިކުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވަކިކުރުމާއި އައްޔަންކުރުމަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނައިބް ރައީސް މެމްބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ޣައިރުގާނޫނީ ހުކުމެއް ކަމަށެވެ.

"ސުޕްރީމް ކޯޓުން މިހާރު ހައްދަވަމުން އެގެންދަވަނީ ވަރަށް ބޮޑު ގޯހެއް. އެ ކޯޓަށް ލިބިގެންވާ ބާރެއް ނޫން އެއީ. އިލެކްޝަންސް ކޮމިޝަނަރު ވަކިކުރުމާއި އައްޔަންކުރުމަކީ. ގާނޫނު އަސާސީގައި އިލެކްޝަންސް ކޮމިޝަނާ ވަކިކުރާ އުސޫލުތައް މާ ރަނގަޅަށް އެބައޮތް. ސުޕްރީމް ކޯޓުން ކުރާ ކަމެއް ނޫން އެއީކީއެއް،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އަމަން ބަލަހައްޓާ ފަރާތްތައް ވެސް ގާނޫނާ އެއްގޮތަށް ކަންތައްތައް ހިންގުމަށް ބާރު އަޅުއްވައިދެއްވުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުން ދައްކާފައިވާ ކަމަށް ބުނެ ލީކްވެފައިވާ އޯޑިއޯ އާއި ގުޅޭ ގޮތުން މީޑިއާއިން ސުވާލެއް ދެންނެވުމުން ނަޝީދު ވިދާޅުވީ އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް ގުޅުއްވި ކަމަށާއި އަދި ފެންނަ ގޮތެއް ވިދާޅުވެފައިވާ ކަމަށެވެ.