ބ. ދަރަވަންދޫ އެއާޕޯޓުގައި ބިޔަރު ދަޅެއް ބޯން އިންދައި އިއްޔެ ހައްޔަރު ކުރި ކުރީގެ ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާ ފުލުހުންގެ ބަންދުގައި ތިން ދުވަހު ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

ދަރަވަންދޫ އެއާޕޯޓުގެ ވީއައިޕީ ލައުންޖުންގައި ބިޔަރު ދަޅެއް ބޯން އިންދައި ރިޝީފް ހައްޔަރު ކުރީ އިއްޔެ ހަވީރު 4:00 އެހާކަންހާއިރު އެވެ. ދަރަވަންދޫގައި ގާއިމްވެ ތިބި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރިޝީފްގެ ބަންދަށް ތިން ދުވަސް ޖަހައިދިނީ ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.

ރިޝީފްއަކީ 2010 ވަނަ އަހަރު ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެންކުއްޖަކު ރޭޕްކުރި މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ ރިޝީފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ، އޭނާއަށް ވަޒީފާ އަނބުރައި ދިނުމަށް ހުކުމްކޮށްފަ އެވެ. އެހެން ނަމަވެސް، ދައުލަތުގެ ފަރާތުންވަނީ ހައިކޯޓުގެ އެ ހުކުމް، ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ފުލުހުން ބުނީ، ދަރަވަންދޫ އެއާޕޯޓުގައި ބިޔަރުބޯން ހުއްޓައި ފުލުހުން ހައްޔަރުކުރި މީހާ، މިހާރު ހުރީ ދަރަވަންދޫގައި ތިބޭ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.