10 Mar 2014, 15:59
އދ. މާމިގިއްޔާއި މ.މުލައް އަދި މ. ދިއްގަރުގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް 140 މިލިއަން ރުފިޔާ އަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ)އާ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުގެ މަސައްކަތް އެބްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް މިއަދު އެންވައިރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހިމެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު އެވެ.
އެންވައިރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ އެ ތިން ރަށުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުން ކޮންމެ ރައްޔިތަކަށް އެކަށީގެންވާ ނަރުދަމާ ނިޒާމްގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ޓަކައި ކުރެވުނު މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
އެ ތިން ރަށުގައި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ނިންމުމަށް ކަނޑަައަޅާފައި ވަނީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގަ އެވެ.
އެ ތިން ރަށުގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ ކޮންޓްރެކްޓް ވެސް ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ.