10 Mar 2014, 15:48
މި އަހަރުގެ ރޯދަ މަހު އެސްޓީއޯ އިން ވިއްކާ ފިޔާ އަލުވި 10ރ. އަށް އަދި ބިހެއް 1.25ރ. އަށް ވުރެ އަގު ބޮޑުވެގެން ނުދާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ފިޔާ އާއި އަލުވި ކިލޯއެއް 10ރ. އަށް ވުރެ ބޮޑު ނުވެ އަދި ކުކުޅު ބިހެއް 1.25ރ. އަށް ވުރެ ބޮޑު ނުވެ މި ރޯދަ މަހު ހިފަހައްޓައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިވަނީ އެގޮތަށް ނިންމައި، ފިޔައި އަލުވި 10ރ. އަށް ވުރެ ބޮޑެއް ނުވާނެ، ފަހަރެއްގައި ހެޔޮ ވެދާނެ. ބިސް 1.25ރ. އަށް ވުރެ ބޮޑެއް ނުވާނެ،" އާޒިމް ވިދާޅުވި އެވެ.
ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ ސުޓޮކް ހުސްވިޔަ ނުދިނުމަށް ކުރިއާލައި ފިޔަވަޅުތައް އަޅައި އެ ކުންފުނި ތައްޔާރުވެފައިވާ ކަމަށެވެ.
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެކި ރަށްރަށުގައި އިތުރު 50 ބޭސް ފިހާރައެއް ހުޅުވާނެ ކަމަށް ވެސް އާޒިމް މިއަދު ވިދާޅުވި އެވެ. އެފިހާރަތަކުން އާސަންދަ ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.