21 Dec 2010, 04:18
އުތުރު ކޮރެއާގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ޔޮންގ ބިޔޮންގ ޖަޒީރާގައި ދެކުނު ކޮރެއާއިން އިއްޔެފެށި ޢަސްކަރީ ތަމްރީނުތައް ދެގަޑީއިރަށްފަހު ހުއްޓާލައިފިއެވެ. އަސްލު ވަޒަންބޭނުންކޮށްގެން ފެށި މިތަމްރީންތައް ދެގަޑީއިރަށްފަހު ހުއްޓާލީ މިކަމާދެކޮޅަށް އުތުރުކޮރެޔާއިން ވަރުގަދަ އިންޒާރެއް ދީފައިވަނިކޮށެވެ. ނަމަވެސް ތަމްރީންތައް ހުއްޓާލީ އުތުރުކޮރެޔާގެ އިންޒާރަށް ބިރުން ނޫންކަމަށް ދެކުނު ކޮރެޔާ ބުނެއެވެ. އިއްޔެގެ ޢަސްކަރީ ތަމްރީންތައް ދެގަޑީއިރަށްފަހު ހުއްޓާލީ މިއީ މިތަމްރީންތަކަށް ކުރިންސުރެވެސް ކަނޑައަޅާފައިވާ ވަގުތު ކަމަށް ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުނުމަށްފަހުގައެވެ.
ޔޮންގް ބިޔޮންގ ޖަޒީރާއަކީ ދެ ކޮރެޔާގެ ދެމެދުގައި ސަރަހައްދީ ރޮނގުގެ އަރާރުން އުފެދިފައިވާ ރަށެކެވެ. މިޖަޒީރާއަށް މިދިޔަމަހު އުތުރުކޮރެއާއިން އިސްވެ ޙަމަލާތަކެއްދީ ހަތަރު މީހަކު މަރާލާފައިވިޔަސް އެޙަމަލާތަކަށް ދެކުނު ކޮރެޔާ ރައްދު ދީފައެއްނުވެއެވެ. އިއްޔެގެ ޢަސްކަރީ ތަމްރީންތަކާދެކޮޅަށް އުތުރުކޮރެޔާ ދިން އިންޒާރުގައި ބުނެފައިވަނީ މިކަން ކުރިޔަށް ގެންގޮސްފިނަމަ ނުރައްކާތެރި ކާރިޘާއަކާ ދެކުނު ކޮރެޔާ ކުރިމަތިލާންޖެހޭނެ ކަމުގައެވެ. މިއިންޒާރުތަކާއެކުވެސް އުތުރުކޮރެޔާ މަޑުންއޮތީ ދެކުނު ކޮރެޔާއިންވެސް މިފަހަރު ރައްދު ޙަމަލާ ދީފާނެކަމުގެ ބިރު ހީވާތީ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ދެކޮރެޔާގެ ދެމެދުގައި ޢަސްކަރީ ކުރިމަތިލުމެއް ނުހިނގީ ތަމްރީންތައް ފެށިތާ ދެގަޑީއިރުތެރޭގައި ދެކުނު ކޮރެޔާއިން ތަމްރީންތައް ހުއްޓާލުމުންކަމަށާއި ތަމްރީންތައް ދިގުދެމިގެންދިޔަނަމަ ދެޤައުމުގެ ދެމެދުގައި ޢަސްކަރީ ކުރިމަތިލުމެއް ހިނގުމުގެ ފުރްސަތު ބޮޑުކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.