10 Mar 2014, 15:39
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުން ދައްކާފައިވާ ކަމަށް ބުނެ ލީކްވެފައިވާ އޯޑިއޯ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
އޯޑިއޯގެ މައްސަލަ ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހުށަހެޅުއްވުމަށް ފަހު ނުކުމެވަޑައިގަތް މީޑިއާ ވާހަކަފުޅު ދައްކަވަމުން ބޮޗޭ ވިދާޅުވީ، ފުއާދާއި ރައީސް ނަޝީދު ދައްކާފައިވާ ވާހަކަތަކަކީ ބަޔަކަށް މަންފާއެއް ލިބޭގޮތަށް ދައްކާފައިވާ ވާހަކަފުޅުތަކެއް ކަމަށް ގަބޫލުކުރެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހުގައި އެދިފައިވާނެ ކަމަށެވެ.
އެ ދެ ބޭފުޅުން ދައްކާފައިވާ ވާހަކަތަކަކީ ކަންބޮޑުވާން ޖެހޭ ވާހަކަތަކެއް ކަމަށް ވެސް ބޮޗޭ ވިދާޅުވި އެވެ. އަދި ދަފްތަރާ ބެހޭ ގޮތުން ފުއާދާއި ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ކަންބޮޑުވާންޖެހޭ ވާހަކަފުޅުތަކެއް ކަމަށް ބޮޗޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލީކުވެފައިވާ އޯޑިއޯގެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވި ނަމަވެސް އިންތިހާބު ފަސް ކުރަން ތާއިދު ނުކުރާ ކަމަށާއި މިހާރު ވެސް ބޭނުންފުޅު ވަނީ މި މަހުގެ 22ގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ.
ލީކު ވެފައިވާ އެ ފޯން ކޯލުގައި ދަފްތަރުގެ މީހުން ބެހުމަށް ނަޝީދު އާއި ފުއާދު ވެފައިވާ އެއްބަސްވުމެއްގެ ވާހަކަ ދައްކަވަ އެވެ. އެގޮތުން ހެންވޭރަށް އިތުރުވާ ދަފްތަރުގެ މީހުން މާފަންނުގެ ހަތަރު ދާއިރާ އަށް ބަހާލުމަށް ނަޝީދާއި ފުއާދު އެއްބަސްވެފައިވާކަން ލީކްވެފައިވާ ފޯން ކޯލުން އެނގެ އެވެ.