10 Mar 2014, 15:27
ހިންމަފުށީގެ ދެކުނު ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ކުންފުނި، ޖާނީ މޯލްޑް މޯލްޑިވްސް އަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން، އެ ބިމުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ބައިމިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކަމަށް ހިންމަފުށީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ރައީސް ޝާން އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ އެ ބިމަކީ ކައުންސިލްތައް އުފެދުނު އިރުވެސް ޖާބިރު ހިއްސާވާ ޔޮޓް ޓުވާޒް މޯލްޑިވްސް އަށް ކުރީގެ އެޓޯލްސް މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އަދި އެ ބިމުގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު 10،843.48 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
ބޯޓު ޔާޑެއް ހެދުމަށް ޖާނީ މޯލްޑިވްސް އަށް ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން ދޫކޮށްފައިވާ އެ ބިމުގެ ކުލީގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 563،860.96 ރުފިޔާ ދައްކަން ޖެހޭ އިރު މިދިޔަ މަހުގެ ނިޔަލަށް ކުލި ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު ވަނީ 137،148.47 ރުފިޔާ އަށް އަރައިފައި ކަމަށް ވެސް ހިންމަފުށީ ކައުންސިލުން ބުންޏެވެ. ކުލީގެ ގޮތުގައި ޖޫރިމަނާއާ އެކު ދައްކަން ޖެހޭ ފައިސާގެ އަދަދު ވަނީ 701،009.43 ރުފިޔާ އަށް އަރައިފަ އެވެ.
ޝާން ވިދާޅުވީ މިހާތަނަށް ވެސް އެ ބިން ކައުންސިލާ ހަވާލުކޮށްފައި ނުވާތީ އެ ބިން ހުސްކޮށްދިނުމަށް ފުލުހުންގެ އިދާރާގައި ވެސް އެދިފައިވާނެ ކަމަށެވެ.
"ފުލުހުން ބުނީ ކޯޓު އަމުރެއް ނެތި ފުލުހުންނަށް ވެސް ބޯޓު ޔާޑަށް ނޭރެއޭ، އެހެންވެ މިހާރު އަހަރު ދުވަސް މިވަނީ އެ ބިން ކައުންސިލާ ހަވާލުކުރަން އެންގިތާ ވެސް، އެ ފަރާތުން ބިން ކައުންސިލަށް ހަވާލެއް ނުކުރޭ އަދި އެބިން ހުސްކޮށްފައެއް ވެސް ނުވޭ،" ޝާން ވިދާޅުވި އެވެ.
ހިންމަފުށިން ޖާނީ މޯލްޑިވްސް އަށް ދޫކޮށްފައިވާ އެ ބިމުގެ ބަދަލުގައި ތިލަފުށިން އެ ކުންފުންޏަށް އެހެން ބިމެއް ދޫކޮށްފައިވާތީ އެ ބިން ނެގުމުގެ މަސައްކަތް ކައުންސިލުން ވަނީ ކޮށްފަ އެވެ. އަދި އެ ބިން ކައުންސިލާ ހަވާލުކުރުމަށާއި ބިމުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދައިދިނުމަށް އެދި 10 އެޕްރީލް 2013ގައި ހިންމަފުށީ ކައުންސިލުން ވަނީ ސިވިލް ކޯޓަށް އެ މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން އަންނަ މަހަށް އެއް އަހަރު ވެފައިވާ އިރު މިހާތަނަށް ވެސް އެ ބިން ބޭނުން ކުރަމުން ގެންދަނީ ޖާނީ މޯލްޑިވްސް އިން ކަމަށް ކައުންސިލްގެ އިދާރާ އިން ބުންޏެވެ. އަދި ބިން ކައުންސިލާ ހަވާލުކުރުމަށް ޖާބިރަށް ކައުންސިލުން ފޮނުވާފައިވާ ސިޓީއާ އެއްގޮތަށް އެ ބިން ހުސްކޮށްދީފައި ނުވާ ކަމަށް ވެސް ހިންމަފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ޖާނީ މޯލްޑިވްސް އަށް އެޓޯލްސް މިނިސްޓްރީން 2018ގެ ނިޔަލަށް ދޫކޮށްފައިވާ އެ ބިމުގެ އެެބަސްވުމުގައި ޖާނީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އޭރު އެކުންފުނީގެ އެމްޑީގެ ގޮތުގައި އަބްދުﷲ ޖާބިރު އެވެ. ނަމަވެސް އެ ކުންފުނީގައި އޭނާގެ ހިއްސާއެއް ނޯންނާނެ ކަމަށް ޖާބިރު ވަނީ މިދިޔަ އަހަރު ވިދާޅުވެފަ އެވެ.