އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ކުރީ ސަރުކާރުގެ ސެޕްޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އިއްޔެ އަމުރު ނެރެފި އެވެ.

ސިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ، އެ މަނިކުފާނު މާޗް، 2012ގައި މާލެ ވަޑައިގަތް އިރު ލަގެޖް ސްކްރީން ކުރި އިރު ލަގެޖުން ރާ ފުޅިއެއް ފެނުނު ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. ޒަކީގެ މައްޗަށް ދައުވާކުރަނީ ނޮވެމްބަރު، 2012 ގައި އެ މަނިކުފާނު އާއި އިތުރު ބަޔަކު ހދ. ހޮނޑައިދޫން ހައްޔަރުކުރި އެ ރަށުން މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނު މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ އަމުރެއް އިއްޔެ ނެރެފައިވާ ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުން ކޯޓަށް ހާޒިރު ކުރުމަށް އަމުރުގައި ވަނީ ކޮން ދުވަހެއްގެ ކުރިން ކަން އަދި ޔަގީން ނުވާ ކަމަށެވެ.