ދުނިޔޭގައި އިންޓަނެޓް ނުލިބޭ އާބާދީ ތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ފޭސްބުކް އިން 60 މިލިއަން ޑޮލަރަށް “ޓައިޓަން އެރޯސްޕޭސް” ކިޔާ ޑްރޯން ހަދާ ކުންފުންޏެއް ގަންނަން ނިންމައިފި އެވެ.

ޓައިޓަން އެރޯސްޕޭސް އަކީ، ސެޓަލައިޓް އާއި މަތިންދާ ބޯޓުގެ ގާބިލުކަން ލިބިފައިވާ، ނަމަވެސް ސެޓެލައިޓް އަކަށް ވުރެ އުފައްދަން އަގުހެޔޮ ޑްރޯން އެއް އުފައްދާ ކުންފުންޏެކެވެ.

އިންސާނަކާ ނުލައި އުދުހޭ، ސޮލާރާ 60 ގެ ނަން ދެވިފައިވާ މި ޑްރޯންގެ 11،000 ޔުނިޓް އުފެއްދުމަށް ފޭސްބުކް އިން ގަސްތުކުރެއެވެ. މި ޑްރޯން އަކީއިރުގެ ހަކަތަ ބޭނުންކޮށްގެން 65،000 ފޫޓު މަތީގައި (20 ކިލޯމީޓަރުގައި) 5 އަހަރު ވަންދެން އަނބުރާ ބިމަށް ނައިސް އުދުހުމުގެ ގާބިލުކަން ހުންނަ މަތިންދާބޯޓެކެވެ.

ޓައިޓަން އެރޯސްޕޭސް އަކީ އެމެރިކާގެ ނިއު މެކްސިކޯގައި ގާއިމުވެފައިވާ އަމިއްލަ ކުންފުންޏެކެވެ. ފޭސްބުކް އިން ޓައިޓަން އެރޯސްޕޭސް ގަތުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދުނިޔޭގައި އިންޓަނެޓް ނުލިބޭ 5 ބިލިއަން އިންޓަނެޓް ފޯރުކޮށްދިނުމެވެ.

އެފްރިކާ އަދި ކުރިއަރަމުން އަންނަ ގައުމުތަކަށް ހިލޭ އިންޓަނެޓް ފޯރުކޮށްދެވިއްޖެނަމަ ފޭސްބުކް ބޭނުންކުރާ މީހިންގެ އަދަދު އިތުރުވުމާ އެކު ވަޓްސްއެޕް ބޭނުން ކުރާ މީހުންގެ އަދަދުވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

ފޭސްބުކް ގެ ކުރިމަގު އޮތީ ގިނަ ފަރާތްތަކަށް ކަނެކްޓިވިޓީ ނުވަތަ އިންޓަނެޓް ފޯރުކޮށްދީގެން ކަމަށް ބަލައި، އެ ކުންފުނިން ވަނީ އިތުރު 6 ކުންފުންޏަކާ ގުޅިގެން މިދިޔަ އަހަރު އޯގަސްޓް މަހު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހެޔޮ އަގެއްގައި އިންޓަނެޓް ފޯރުކޮށްދިނުމަށް “އިންޓަނެޓް ޑޮޓް އޯގް” ގެ ނަމުގައި ކެމްޕެއިން އެއްވެސް ފަށާފައެވެ.

ދުނިޔޭގެ އެންމެނަށް އަތްފޯރާ ވަރެއްގައި އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލް އިން ވެސް ވަނީ މަޝްރޫއެއް ފަށާފައެވެ. “ޕްރޮޖެކްޓް ލޫން” ގެ ނަން ދެވިފައިވާ ގޫގުލްގެ މަޝްރޫއުގައި، ފޭސްބުކް އާއި ހިލާފަށް ޖައްވަށް ފުނުވަން ގަސްތު ކުރަނީ ބޮޑެތި ފުއްޕާހަން ތަކެކެވެ.