10 Mar 2014, 13:20
ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގައި އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ހައިކޯޓުގައި އެދިއްޖެ އެވެ.
ޖާބިރުގެ މައްޗަށް ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ ހައިކޯޓުން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ޖާބިރު ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ އަމުރަކަށް އެދިފައި ވަނީ އިންތިޚާބުތަކުގައި ވާދަކުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށްވާ އިރު، އިންތިޚާބުގައި ވާދަކުރާ ހުރިހާ ފަރާތްތަކަށް ވެސް އެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ޖާބިރުގެ ކެންޑިޑެސީ ސައްޚަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށާއި އެހެންކަމުން ކެންޕޭން ކުރުމުގެ ފުރުސަތު އޭނާ އަށް ލިބެންޖެހޭނެ ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަލީ ސަމީރު ވިދާޅުވީ ހުރިހާ ފަނޑިޔާރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އެ އަމުރާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.
އިސްތިއުނާފު މައްސަލަ ހުށަހަޅުއްވަމުން ޖާބިރުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ރިފްއަތު ވިދާޅުވީ ޖާބިރުގެ މައްޗަށް ކުރި ހުކުމަށް ކްރިމިނަލް ކޯޓުން ވާސިލްވި އިޖުރާއަތްތައް ސައްޚަނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ޖާބިރަށް ކުޑަކަމުދާއެއްޗިހި ދޭން އެންގި ފޯމުގެ ސައްޚަކަމާ މެދު ސުވާލުއުފެދޭ އެތައްކަމެއް ކުރިމަތިވެފައިވާ އިރު، ހުކުމް ކުރެއްވި އިރު ފަނޑިޔާރު އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައި ފުލުހުން ޖާބިރަށް އަނިޔާ ކުރިކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އަނިޔާ ކުރީ ހެކިބަސް ދިން ފުލުހުންކަން ޖާބިރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތަށް ހުކުމްގައި ބުނެފައިވާ އިރު އެ ހެކީންނަކީ ޖާބިރަށް އަނިޔާ ކުރި މީހުންކަށް ސާބިތު ކުރުމަށް އެކަށީގެންވާ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ނުކުތާ އަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ ސަފާ އިބްރާހީމް ވިދާޅުވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޖާބިރަށް އަނިޔާ ކުރީ ކާކުކަން ނޭނގޭ އެންމެ ފުލުހެއް ކަމަށެވެ. އެހެންނަމަވެސް ޖާބިރާ ދެކޮޅަށް ހެކިބަސްދީފައި ވަނީ ތިން ފުލުހުން ކަމަށާއި މިސާލަކަށް އެއިން އެކަކު ޖާބިރަށް އަނިޔާ ކުރިނަމަވެސް ދެންތިބި ދެ ފުލުހުންގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ޝަރީއަތުން ބޭނުންވާ ސުވާލުކުރުމާއި ޖާބިރުގެ ފަރާތުންނާއި ދައުލަތޔުގެ ފަރާތުން ވެސް ވާހަކަ ދެއްކުން އޮންނާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖާބިރު ކޯޓަށް ގެންދިޔަ އިރު، ނޫސްވެރީން ފޮޓޯނަގައި މަންޒަރު ވީޑިއޯ ކުރަން އުޅުމުން ޖަލުގެ އޮފިސަރުންނާއި ފުލުހުން ވަނީ އެކަމަށް ހުރަސްއަޅާފަ އެވެ. އެގޮތުން ހައިކޯޓު ހުންނަ މައިގޭޓު ބަންދުކޮށް އެތެރެ ނުފެންނަ ހެން ކެމެރާ ކުރިމައްޗަށް އަރައި ނޫސްވެރީންނަށް ހުރަސްއަޅާފައިވެ އެވެ.