10 Mar 2014, 13:15
މެލޭޝިއާގެ ސެލަންގޯ އަކީ ވަރުގަދަ ޓީމެއް ކަމުގައި ވިޔަސް އެ ޓީމުގެ މައްޗަށް މާޒިޔާ އަށް އަތްގަދަ ކުރެވޭނެ ކަމަށް އެ ކްލަބުގެ ކޯޗު އިސްމާއިލް މެހެފޫޒު (އިންމަ) ބުނެފި އެވެ.
އޭއެފްސީ ކަޕް ގްރޫޕު ސްޓޭޖުގެ ދެވަނަ މެޗުގައި ސެލަންގޯއާ ދެކޮޅަށް ގަލޮޅު ދަނޑަށް މާޒިޔާ އިން ނުކުންނަ އިރު، ފުރަތަމަ މެޗުން ލިބުނު ތަފާތު ބޮޑު ބައްޔާ އެކު އޮތީ ގްރޫޕު އެފްގެ އެންމެ ފުލުގަ އެވެ. ނަމަވެސް މާދަމާ ކުޅޭ މެޗަށް ފަހު މާޒިޔާގެ ވިސްނުން ހުރީ ތިން ޕޮއިންޓު ހޯދުމަށެވެ.
"މިއީ ވަރަށް މުހިންމު މެޗެއް. ފުރަތަމަ މެޗުން ވަރަށް ތަފާތު ބޮޑުކޮށް މިއޮތީ ބަލިވެފައި. ނަމަވެސް ބަލިވުމުގެ ސަބަބުތަކެއް ވެސް އެބަހުރި. ވަރަށް ދެރަކޮށް ފަހު ވަގުތު ދިމާވީ. އެހެން ނަމަވެސް މުޅި ގޭމުގައި އަޅުގަނޑުމެން ގެންގުޅު ޑިސިޕްލިންތައް ބަރާބަރަށް ގެންގުޅުނިން. އަޅުގަނޑުމެންގެ މި ހޯމް މެޗުގައި އެންމެ މުހިންމު އެއް ކަމަކަށް ވާނީ މޮޅުވެގެން ފޭބުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމީހުން އަޅުގަނޑުމެންނަށް ވުރެ ވަރުގަދަ ކަމުގައި ވިޔަސް ހޯމްގައި ކުޅޭ މެޗުގައި އިރާދަކުރެއްވިއްޔާ އަތް ގަދަކުރެވޭނެ." އިންމަ ބުންޏެވެ.
އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުނީ، ގްރޫޕު ސްޓޭޖުގެ ފުރަތަމަ އެ ޓީމުގެ މުހިންމު ފޯވަޑް އަސަދުﷲ އަބްދުﷲ ފިޓްވެފައިވާ ކަމަށާއި ފުލުހުންގެ ބަންދުގައި ހުރުމުގެ ސަބަބުން ފުރަތަމަ މެޗުގައި ނުފެނުނު ރިލްވާން ވަހީދު ވެސް ޓީމާއި ގުޅިފައިވާ ކަމަށެވެ.
"އަސަދުﷲ ފުރަތަމަ އެގާރައިގައި އިރާދަކުރައްވިއްޔާ މާދަމާ ފައްޓާނެ. ވަރަށް އިތުބާރު އެބައޮތް އޭނަ އާއި ދޭތެރޭ،" އިންމަ ބުންޏެވެ. "އިރާދަކުރެއްވިއްޖެޔާ ރިލޭ މާދަމާ ދަނޑުން ފެނުން އެކަށީގެންވޭ. ރިލޭ ދުވަސްކޮޅަކަށް ފަހު އަޅުގަނޑުމެންގެ ތެރޭގައި އުޅުމަށް ފަހު ތަންކޮޅެއް ދުރަށް ދިއުމާއެކު ހަމަ ޓީމު ޕްރެކްޓިސް އެއްވެސް ވަރަކަށް ނުކޮށް އެދިޔައީ. އެހެންނަމަވެސް މިހާރު ރުލޭ އަނބުރާ އައިސް ކޮންމެވެސް ވަރަކަށް އޭނަގެ ފިޓްނަސް ރަނގަޅުވެއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ކޮންމެވެސް ވަގުތެއްގައި ނަމަވެސް ދަނޑުން ރިލޭ ފެނުން ހަމަ އެކަށީގެންވޭ،"
މިދިޔަ އަހަރުގެ އޭއެފްސީ ކަޕުން މާޒިޔާ ކަޓައިގެން ދިޔައީ ރާއްޖޭގައި ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވުމުގެ ސަބަބުންނެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގައި މާޒިޔާ އިން މަސައްކަތްކުރާނީ ރާއްޖޭގައި ކުޅޭ ހުރިހާ މެޗަކުން މޮޅުވާން ކަމަށާއި މާދަމާގެ މެޗަށް ނުކުންނަ އިރު، އިދިކޮޅު ޓީމުގެ ގޮތުގައި ދޭންވާ އިހްތިރާމު ސެލަންގޯ އަށް ދޭނެ ކަމަށް އިންމަ ބުންޏެވެ.
"ހޯމްގައި ކުޅޭ ކޮންމެ މެޗަކީ މުހިންމު މެޗެއް. މާދަމާ ވެސް އަޅުގަނޑުމެން ނުކުންނާނީ މޮޅުވާން. ހޯމް ގައި ކުޅޭ ހުރިހާ މެޗަކުން ވެސް ގިނަ ޕޮއިންޓްތައް ނެގުން އެއީ އަޅުގަނޑުމެންގެ ޓޭގެޓަކީ،" އިންމަ ބުންޏެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ޓީމަކީ (ސެލަންގޯ) މެލޭޝިއާގެ ވަރުގަދަ އެއް ޓީމު. އެޓީމުގައި ފާހަގަކޮށްލެވޭ މޮޅު ގިނަ ކުޅުންތެރިންތަކެއް އެބަތިބި. އެހެންކަމުން އަޅުގަނޑުމެން ވެސް މި މީހުންނާ ދޭތެރޭ ވިސްނާނަން. އެގޮތަށް 90 މިނެޓް ހަމަވަންދެން، މެޗު ނިމެންދެން އޮޕޯނަންޓްގެ ގޮތުގައި އެމީހުންނަށް ދޭންވާ ރެސްޕެކްޓް ދޭނަން. އަޅުގަނޑުމެން ކުޅޭނީ ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން."
ގްރޫޕް އެފްގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވިއެޓްނާމުގެ ހެނޯއީ އަތުން ބަލިވީ 5-1 ލަނޑުންނެވެ. އަނެއްކޮޅުން ސެލަންގޯ ކުޅުނު ފުރަތަމަ މެޗުގައި އިންޑިނޭޝިއާގެ އެރީމާ އިންޑިނޭޝިއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-1 ލަނޑުން އެއްވަރުވެފަ އެވެ.
މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ސެލަންގޯ އާއި ދެކޮޅަށް މާޒިޔާ ނުކުންނާނީ ރާއްޖޭ ގަޑިން 16:00 ގަ އެވެ.