10 Mar 2014, 13:04
މަޝްހޫރު ކާރު ކުންފުނި ޖަގުއާގެ އުފެއްދުންތައް ޗައިނާގައި އިޝްތިހާރު ކޮށްދިނުމަށް ކުރީގެ އިނގިރޭސި ފުޓުބޯޅަ ތަރި ޑޭވިޑް ބެކަމް އެއްބަސްވެއްޖެ އެވެ.
އިނގިރޭސި ކާރު ކުންފުންޏާ އެކު ބެކަމް ވެވުނު އެއްބަސްވުމުގެ ދަށުން ޖަގުއާގެ އުފެއްދުންތައް ޗައިނާގައި އިޝްތިހާރު ކުރުމުގެ ގޮތުން އެ ގައުމުގެ މަޖައްލާތަކާއި ޓީވީ ޗެނަލް އަދި ބިލްބޯޑު ތަކުން އޭނާ ފެންނާނެ އެވެ.
ޖަގުއާގެ އުފެއްދުންތައް ޗައިނާގައި އިޝްތިހާރު ކުރުމަށް އެންމެ ރަނގަޅު މީހަކީ ބެކަމް ކަމަށް އެކުންފުނިން ދެކެ އެވެ.
"ޑޭވިޑް ބެކަމް އަކީ މުޅި ދުނިޔޭގައި މަޝްހޫރުކަން ހޯދައިފައިވާ މީހެއް. އަދި ބެކަމް އަކީ ހާއްސަ ވައްތަރެއްގެ އިނގިރޭސި ސްޓައިލެއް ގެންގުޅޭ ޝަހްސިއްޔަތެއް." ޗައިނާ ޖަގުއާ ލޭންޑް ރޯވާގެ މެނޭޖިންގް ޑިރެކްޓަރު ބޮބް ގްރޭސް ބުންޏެވެ.
ޗައިނާގެ ބާޒާރަށް ޖަގުއާ ނުކުތް އިރު، އެގައުމުގެ ބާޒާރުގައި ޖަރުމަނުގެ ކާރު ކުންފުނިތައް ކަމަށްވާ އޯޑި، ބީއެމްޑަބްލިއު އަދި މާސެޑީސް-ބެންޒުގެ ވާދަވެރިކަން ބޮޑެވެ. އެގޮތުން މިދިޔަ އަހަރުގައި އޯޑިގެ އުފެއްދުންތައް ޗައިނާގައި ވިކުނު އަދަދު 500،000 އިިން މައްޗަށް އެރި އިރު، އެ މުއްދަތުގެ ތެރޭގައި ޖަގުއާ އަށް ވިއްކިފައި ވަނީ 12،000 އަށް ވުރެ މަދު އަދަދެކެވެ.