ޑީއާރުޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅޭ ގޮތުން ޕާޓީގެ ޒައީމް މައުމޫނާ އެކު މެލޭޝިޔާގައި މަޝްވަރާބައްދަލުވުންތަކެއް ބޭއްވުމަށް ފަހު ޑީއާރުޕީގެ ނައިބު ލީޑަރު އުމަރު ނަސީރުގެ ޓީމް ރޭ މާލެ އަތުވެއްޖެ އެވެ.


ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިއްބަވައިގެން ސަން އޮންލައިނާ ވާހަކަ ދައްކަވަމުން އެ ޓީމުގައި އިސްކޮށް ހުންނެވި އުމަރު ނަސީރު ވިދާޅުވީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޒައީމް މައުމޫނާ ބައްދަލުކުރައްވައި އެތައް ފަހަރަކު މަޝްވަރާކުރެއްވި ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީ އަލުން އެއްގަލަކަށް އެރުވުމަށް ޒައީމް މައުމޫނު މާލެ ވަޑައިގަތް މަސައްކަތް ޕުޅުތަކެއް ކުރައްވާނެ ކަމަށެވެ.


"މައުމޫން ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ. ވަޑައިގެންފައި [އެމަނިކުފާނު] އިސްނަންގަވައިގެން ވަރަށް ގިނަ މަސައްކަތް ޕުޅުތައް ކުރައްވާނެ. އަޅުގަނޑުމެންނަށް ކުރެހިގެން މިދިޔައީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް މަގެއް،" އުމަރު ވިދާޅުވި އެވެ.


އެ ދަތުރުގައި ބައިވެރިވެވަޑައިގަތް ޑީއާރުޕީގެ ރައްޔިތުން މަޖުލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ޒައީމު މައުމޫން ޕާޓީގެ ލީޑަރު ތަސްމީނަށް ކުރިން ތާއީދު ކުރެއްވި މިންވަރަށް ދެން ތާއިދުނުކުރައްވާނެ ކަން މަޝްވަރާތަކުން ދޭހަވި ކަމަށެވެ.


ތިން ދުވަހުގެ އެ ދަތުރުގައި އުމަރާ އެކު ޕާޓީގެ އަނެއް ނާއިބު ލީޑަރު އިލްހާމު އަހުމަދާއި މަހުލޫފުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު ބައިވެރިވެވަޑައިގަތެވެ.