ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމުގެ ދެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައިވާ އިޢުލާނުގައިވާ ގޮތުން، އެ ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ، މިއަދުން ފެށިގެން މި މަހުގެ 12 ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތި ލުމަށް އެދޭ ފޯމް އެ އޮފީހުގެ ވެބްސައިޓުންނާއި އެ އޮފީހުން ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ނައިބް ރައީސްގެ އަހުމަދު ފަޔާޒް ހަސަންގެ ގޮނޑި ގެއްލިފައިވާ ކަަމަށް ކަނޑައަޅާފަ އެވެ. އަދި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.