10 Mar 2014, 10:26
މޮސްކޯ (މާޗް 10) : ޔުކްރޭންގެ ކްރައިމިޔާ ސަރަހައްދު، އެގައުމުން ވަކިވެ ރަޝިޔާއާ ގުޅުމުގެ ހައްގު އެސަރަހައްދަށް ލިބިގެންވާ ކަމަށް ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއާއި ޖަރުމަނުވިލާތުގެ ޗާންސެލާ އެންގެލާ މާކަލް އާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވި ކަމަށް ކްރެމްލިން އިން ބުނީ ކްރައިމިޔާގައިވާ ރަޝިޔާ އަށް ތާއީދުކުރާ ވެރިކަމަކީ ޝަރުޢީ ވެރިކަމެއް ކަމަށާ ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމަށް ކްރައިމިޔާގެ ޕާލަމެންޓުން މިދިޔަ ހަފްތާގައި ނިންމި ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ނިންމުމެއް ކަމުގަ އެވެ.
ޕޫޓިން މިމޭރުމުން ވާހަކަ ދެއްކެވިއިރު، އެމެރިކާ އިން ވަނީ ކްރައިމިޔާގެ ޕާލަމެންޓުގެ ނިންމުން ގަބޫލުނުކުރާނެ ކަމަށް ބުނެފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ރަޝިޔާގެ ޚާރިޖީ ވަޒީރާ ފޯނުން ގުޅުއްވުމަށް ފަހު އަންގަވާފައި ވަނީ ކްރައިމިޔާއަކީ ޔުކްރޭންގެ ބައެއް ކަމަށާއި އެ ސަރަހައްދު ރަޝިޔާއާ ގުޅުމަށް ނިންމާ އެއްވެސް ނިންމުމެއް ގަބޫލުނުކުރާނެ ކަމުގަ އެވެ.
ކްރައިމިޔާގެ ޕާލަމެންޓުން ވަނީ އެސަރަހައްދު ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް މިމަހުގެ 16 ވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފަ އެވެ. (ބީ.ބީސީ)