މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާ އިރު 31.5 ޕަސެންޓް ދަށަށް ގޮސްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި 452.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 31.5 ޕަސެންޓް ދަށް އަދަދެކެވެ. އަދި އެއީ ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ އަށް ބަލާއިރު ވެސް 6.6 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އާމުދަނީގެ ގޮތުގައި ލިބިފައި ވަނީ 660 މިލިއަން ރުފިޔާ އެވެ. މީރާ އަށް މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 17.3 މިލިއަން ޑޮލަރަށް އަރަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތައް ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 254 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރު އެ މުއްދަތާއި އަޅާބަލާ އިރު ދަށް އަދަދެކެވެ. އަދި ބީޕީޓީގެ ގޮތުގައި 75 މިލިއަން ރުފިޔާ ލިބިފައިވާ އިރު ޓޫރިޒަމް ޓެކުސް ދެ މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ވަނީ 77 މިލިއަން ލިބިފަ އެވެ. އެއާޕޯޓް ސާވިސްޗާޖްގެ ގޮތުގައި 36 މިލިއަން ރުފިޔާ ދައުލަތައް ލިބިފައިވެ އެވެ. އެ ހުރިހާ ދާއިރާއަކުން ވެސް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހަށް ވުރެ ދަށް ވެފަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ދައުލަތަށް 1.754 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 1.712 ބިލިއަން ރުފިޔާ އެވެ.