އަހަރެމެންގައި ހުރި އާދައާއި ތަފާތު ސިފަތަކުގެ ތެރެއިން ލޯބިނުވުން ވެސް ފާހަގަކުރެވި ދާނެ އެވެ. އެއީ ކުރިން ބައެއް ފަތުރުވެރިން، ނުވަތަ ދަތުރުތަކުގައި އެކިގޮތްގޮތަށް އައުދެވުނު ބައެއް މީހުން ލިއެފައިވާ ފަދައިން އަދި ހިތްހެޔޮކަމާއި ހިނިތުންވެލުން ނެތުމެއްނޫނެވެ. ދެއްކުމުގެތެރޭގައި އެކަންކަން ހުރެފައި ހަގީގަތުގައި މިކަން ނުވެސް ނެތީއޭ ބުނެވިދާނެ އެވެ. އެއިރުގެ ވާހަކަ މިހެން ދައްކާފައި މިހާރުގެ ވާހަކަ ލިޔާއިރު ލިއެވެން މިއޮތީ ނެތޭ އެވެ. ލޯބިވާންނުވެސް އެނގެނީކަހަލަ އެވެ. ވަކިލޯތްބެއް ނޫނެވެ. ހުރިހާ ލޯތްބެއްވެސް މިނެލެވެނީ މި ގިންތީގަ އެވެ. ނެތް ނުވަތަ ވާންނޭނގޭ އެއްޗެއްގެ ގޮތުގަ އެވެ.

އަޖައިބެކެވެ. އުފެދިބޮޑުވި ވަޒަނަކީ މިއަދު އާއްމުކޮށް މުޅިދުނިޔޭގައި ހާއްސަކޮށް އަހަރެމެންގެ ތެރޭގައި އަގެއްހުރިތަނަކަށް ނުވެ އެވެ. އެކުގައި އުޅޭ އެއްދަރިކޮޅުގެ އެއްބަހަކުން ވާހަކަ ދައްކާ އަދި ގާނޫނުގައި އެއްއުސޫލަކަށް ބޯލަނބަން ޖެހޭ ކަމުގައި ލިއެފައިވާ މީހުންތަކަކީ ހެއޮއެދެވޭ ބަޔަކަށް ނުވެ އެވެ. އެހެންގޮތަކަށް ބުނެލާ ނަމަ ދިވެއްސަކަށްވީތީ ދިވެހި ރާއްޖޭގެ ދިވެހިންދެކެ ވަކި އިތުރު ލޯތްބެއްނުވެ އެވެ. ގާތްކަމެއް ނުބެހެއްޓެ އެވެ. ދުނިޔެއަށް އަލަށް އުފަންވީ މޮޅު ގޮތް "ދިމަކުރާތީ" ގަބޫލުކުރިކުރީނުން ވެގެންއުޅޭ ގޮތެކޭ ބުނެލާ ހިތްވެ އެވެ. އެކަމަކު އަމިއްލަ ހޭވެރިކަމާއި ވިސްނުމާއި ފިކުރާއި ހަމަބުއްދި ލިބިތިބެ މިހެންވާންޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. "ދިމަކުރާތީ"ގެ ވާހަކަ މިއަށް ވުރެ އިތުރަށް މިހާރު ނުދައްކާ ކުރިއަށްދާނަމެވެ. ލޯތްބަކީ ކޮބައިހޭ އަހައިފި ނަމަ ޖަވާބަކީ ހެއޮ އެދުމާއި އަޅާލުމޭ ބުނެވޭނެ އެވެ. ތަފާތު ނަންނަމުގައި އެކިވަކި އަމާޒުތަކަށް މިސްރާބު ހިފިއަސް ދެވޭނީ ހަމަ އެއްދިމާއަކަށެވެ. ހެއޮއެދުމާއި އަޅާލުމާއި ދިމާއަށެވެ. މިކަމަކީ ބޮޑު ގާނޫނާއި ކުޑަގާނޫނާއި އެކު އުފެދިފައިވާ އަދި އުފައްދަމުންދާ ގަވައިދުތަކުގައި ވެސް މަޖުބޫރުކުރާ ކަމެކެވެ.
އެކި އަމާޒުގައި ތަފާތުތަކެއް ހުއްޓަސް އާއްމުކޮށް ހެއޮއެދުމާއި އަޅާލުން ފެންނާނީވެސް ދާދި އެއް ސިފައަކަށެވެ. ދުނިޔެމަތީގެ ކަންކަމުގައި މައިންބަފައިންދެކެ ވާ ލޯތްބާއި ދަރިންނާއި އާއިލާދެކެ ވާ ލޯތްބާއި އެކުއެކުހެން ގައުމާއި ވަޒަންދެކެވާ ލޯބި އެއްސަފެއްގައި ހިމެނެންޖެހެ އެވެ. ގައުމަށް ކަމެއްޖެހިއްޖެ ނަމަ އެ ކަމަކާ ހެދި ކަންބޮޑުވެ އެކަމެއް ހަމައަކަށް އެޅުވުމުގެ މަސައްކަތްކުރަންޖެހެ އެވެ. އާއިލާ އާއި ދަރީންނެކޭ އެއްފަދަ އިން އެއްބައެއްކަމުގައި އެކުގައި އުޅޭ ގައުމުގެ ރައްޔިތުންނާއި ދޭތެރޭ ވިސްނާ ފިކުރުކޮށް އެމީހުންގެ ހަމަ ޖެހުމާއި ކުރިއެރުމުގައި އެހީތެރިކަންފޯރުކޮށްދޭން ވެ އެވެ. އެކަމަކު މިއަދު އަހަރެމެންގެ ތެރޭގައި މިއިން އެއްކަމެއްވެސް ނެތިއްޖެކަހަލަ އެވެ. ލޯބިވަނީ ވާން ދަންނަނީ ފައިސާ ދެކެއޭ ބުނެ ހުކުންކުރެވޭވަރު ވެ ނިމިއްޖެ އެވެ.

ކުޑަކުޑަ އެއްމެ ހާދިސާ އެއްލިޔެލާނަމެވެ. ނަފުސާނީބައްޔެއްގައި އެތަކެއް އަހަރުއްސުރެ ފަރުވާހޯދަމުން އަންނަ ބަލިމީހަކު ދާދިމިދާކަށް ދުވަހު މެލޭޝިއާއަށް ގޮސް އެތާގެ ޑަކުތަރެއްގެ ފަރުވާ ހޯދައިގެންރާއްޖެ އަ އެވެ. އައުމަށް ފަހު އެބަލިމީހާ ބޭނުންވީ އޭނާއަށް އެޑަކުޓަރު ދީފައި ހުރި ބޭސްތަކާއި ބެހޭ ގޮތުން ރާއްޖޭގެ ޑަކުޓަރަކާއި ވާހަކަދައްކާލައި ލަފައެއް ހޯދާލާށެވެ. އޭނާ ދިއައީ ނަފުސާނީބަލީގެ "މޮޅު" މީހެއްގާތަށެވެ. 700 ރުފިޔާ ދައްކާފައި އޭނާ ޑަކުތަރުކޮޓަރިއަށް ވަނެވެ. އިށީންނަންބުނުމުން އިށީންނަން އުޅެނިކޮށް ކިހިނެއްވީތޯ އަހައިފި އެވެ. މީ އަޅުގަނޑު މެލޭޝިއާ އިން..... ނޭ ބުނަމުން އަތުގައި އޮތް ސިޓީ ތަކާއި ބޭސްކޮތަޅު ނަގައި ދައްކާލާފައި ދޭންކަމަށް ބޮޑަށް ދިއްކޮށްލި އެވެ. " އާނ ތިޔަބޭސް ރަނގަޅު، ތިޔަބޭސް ތިޔަސިޓީގައި އޮތްގޮތަށް ކައި. ދެން ދޭ! " ބުނެފައި އަނެކަކު ވައްދާށޭ ބުނެލީއެވެ. ބަލިމީހާ އެކޮޓަރީގައި ހޭދަކުރިކަމުގައިވަނީ މިނެޓެއްހާ އިރެވެ.

މިވާހަކަވެސް އިތުރަށް ނުދައްކާ މިވަރު ތަންކޮޅެއްބޮޑޭ ލިޔެފައި ކުރުކޮށްލީ އެވެ. މިއީ އެއްބައެއްގެ ގޮތުގައި އުޅެންތިބި އަމިއްލަ ގައުމުގެ ރައްޔިތެއްގެ އެދުމަށް ދެވުނު ޖަވާބެކެވެ. މިއީ މިފަޅީގައެވެ. މިކިޔާ އިޝްގީ ލޯބީގައި ވެސް ރާއްޖެ ވަނައެއްގައި އުޅޭނެއޭ ހީވެ އެވެ. ކުޑަކުޑަ ހާދިސާއެއް ވަރަށް ކުރުކުރުކޮށް ލިއެ ލާނަމެވެ. މީހަކަށް މީހަކު ކަމުދިއަ އެވެ. އިތުރުތަފުސީލެއްގެ ގޮތުން ހަރުފުރައިގެ އަންހެނަކަށް އޭނާ އަށް ވުރެހަގު ޒުވާން ފިރިހެނަކު ކަމުދިއަ އެވެ. ދެމީހުންގެ މެދުގައި ސުވާލުޖަވާބުދެވި އެކަކު އަނެކަކާ އެކު ބުނެވޭ ބުނުންތަކުގައި އުފާވެރިކަން ދެމީހުން ވެސް އިހުސާސްކުރަމުން ގެންދިޔަ އެވެ. އެއްރެއެއްގެ ވާހަކަ ދެކެވުމުގެ ތެރޭގައި އަންހެންމީހާ އޭނާގެ ގަސްތާއި ބޭނުން ފިސާރިސާފުކޮށް ޒުވާނާއަށް ކިއައިދިނެވެ. އަދި "އަހަރެންނާ އެކު މިގޮތަށް ވަގުތު ހޭދަކުރާއިރު ކުރެވެނީ ކޮންކަހަލަ އިހުސާސެއް؟ "ތޯ ލޯބިން އަހާލި އެވެ. ޒުވާނާ އަސަރުގަދަ ހިނިތުންވުމަކާ އެކު ވަރަށް ލޯބިން ބުނެލި އެވެ. "
ހިތަށްއަރަނީ މިވަގުތު ނުނިމި ދެމިގެން ދާނެނަމަ " ކަމުގަ އެވެ. މިޖަވާބުން އެއަންހެންމީހާ އަދި އެއަށްވުރެ އިތުރަށް އެޒުވާނާ ދެކެލޯބިވި އެވެ. އެކަމަކު ހަގީގަތަކީ ޒުވާނާ ގެ ހިތުގައި ލޯބީގެ ނުވަތަ އެދެވުމުގެ ކުޑަވެސް އަސަރެއް ނެތުމެވެ. ހަމައެކަނި ވަގުތު ހޭދަކޮށްލާ މަޖާކޮށްލުމުގެ ބޭނުމުގައި ހައްދާލަމުންގެންދިއުމެވެ. މާގިނަ ދުވަސްތަކެއްނުވެ އެކަން އެގޮތަށް ސާބިތުވެގެން އައެވެ. ޒުވާނާ އެހެން ދިމާއަކަށް އެނބުރުނީ އެވެ. އަންހެންމީހާ އެ ހަނދާނުގައި އެކަނިވާން ދޫކޮށްލާފައެވެ.

މިއަދު ދެން އަހަރެމެންގެ މިދިވެހި ގައުމު އަލުން ލޯބީގެ ތެރެއަށް ގެންދާނަމަ ޖެހޭނީ ތުއްތުކުދިން ގެ އެއުމުރުން ފެށިގެން ލޯތްބަކީ ކޮންއެއްޗެއްކަން ދަސްކޮށްދޭށެވެ. މިހާރު މިވަރުގައި މިހާލުގައި ތިބެވުނަސް މާދަމާ މިކަން ބަދަލު ނުކުރެވިއްޖެ ނަމަ ގައުމުދެކެ ލޯބިވާ ނުވާ، ވާހަކަ ދައްކާލާނެމީހަކު ވެސް ނުހުންނާނެ އެވެ. މައިން ބަފައިން ނާއި ދަރީން ބަލަން ބިދޭސިން ނާއި ނުވަތަ އެފަދަ " އޮޅި " ތަކާއި ހަވާލުކުރާނީ އެވެ. ހަށިވިއްކުމުގެ ބާޒާރު ދެޖިންސަށް ހަމަހަމަވާ ގޮތަށް (ބިންގަރާސް ކޮޓަރިތަކުގައި ) ހިންގޭނީ އެވެ. ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމަކީ އަހަރެމެންނާއި ބެހޭ ކަމެއްނޫނޭ ބުނެ ހުރިހާ ރައްޔިތުން ފައިސާހޯދުމުގައި އަރުވާޖަހާނީ އެވެ. ގަބޫލުކުރާ އުސޫލާއި މިދިވެހިބަސްވެސް ދާނެތާކަށްދާން ދޫކޮށްލާނީ އެވެ.

މިހާރުވެސް ލަސްވެއްޖެ އެވެ. ކަމާބެހޭ ހުރިހާ އެއްމެން މިކަމާއިދޭތެރޭ ވިސްނާ ފިކުރުކޮށް އަހަރެމެންގެ މިގައުމު ހަމައަކަށް އަޅުވަންޖެހިއްޖެ އެވެ. ކަމާނުބެހޭ އެކަކު ވެސް ނުހުންނާނެކަން ޔަގީން ކޮށްގެންނެވެ. **