10 Mar 2014, 09:58
އިޓާލިއަން ސެރީއާ ގައި އިއްޔެ ރޯމާއާ ދެކޮޅަށް ކުޅެ، 1-0 ލަނޑުން މޮޅުވި މެޗުގައި ނަޕޯލީ އަށް ފަހު ވަގުތު ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް އެ ޓީމު އެކަމަށް ހޭނުމުން ނަޕޯލީގެ ކޯޗު ރަފައެލް ބެނިޓޭޒް އެކަމަށް ތައުރީފުކޮށްފި އެވެ.
ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ނަޕޯލީގެ ހަމައެކަނި ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހޯސޭ ކަލެހޮން އެވެ. މި ނަތީޖާއާ އެކު ތިން ވަނައިގައި އޮތް ނަޕޯލީ އިން ވަނީ ދެ ވަނައިގައި އޮތް ރޯމާއާ ދެމެދު އޮތް ތަފާތު ތިން ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ނަޕޯލީ އިން ކޮންމެވެސް ކަންތައްތަކެއް ރަނގަޅަށް ކުރަން ޖެހޭ ކަމުގައި ބެނިޓޭޒް ގަބޫލުކުރެ އެވެ.
"ނަޕޯލީ ރަނގަޅަށް ކުޅެ ގިނަ މެޗުތަކަކުން މޮޅުނުވެވުނު ތަން އަހަރެމެންނަށް ކުރިން ފެނުނު، އެހެންކަމުން ރޯމާ ފަދަ ވަރުގަދަ ޓީމެއް ބަލިކުރެވުމުން އުފާކުރަން،" މެޗަށް ފަހު ވާހަކަ ދައްކަމުން ބެނިޓޭޒް ބުންޏެވެ. "އަހަރެންނަށް ހީވަނީ ސީޒަނުގައި ދެ ފަހަރު ރޯމާ އަތުން މޮޅުވި ހަމައެކަނި ޓީމަކީ އަހަރެމެން ހެން. މިކަމުން އެބަ އެނގޭ އަހަރެމެން ރަނގަޅު ކަންތައްތަކެއް ކުރާކަން. އަދި ކުރިއަށް އޮތް ތާނގައި ވެސް ރަނގަޅު ކަންތައްތަކެއް އެބަ ކުރަން ޖެހޭ."
ނަޕޯލީގެ ވެލޮން ބެހްރާމީ އަދި ޖޯޖީނިއޯ އަށް ފަހު ވަގުތު ލިބުނު އަނިޔާއަކާއި ގުޅިގެން އެ ޓީމު ރޯމާއާ ދެކޮޅަށް ނުކުތީ ގިނަ ބަދަލުތަކަކާއި އެކު އެވެ.
"އަހަރެމެންނަށް ބެހްރާމީ އަދި ޖޯޖީނިއާ އަށް ނުކުޅެވޭނެ ކަން އެނގުނީ ހެނދުނު، އެހެން ކަމުން އަހަރެމެންނަށް މަޖުބޫރުވި ބަދަލުތަކެއް ގެންނަން. އަދި އެކަމަށް ޓީމު ވަނީ ވަރަށް ރަނގަޅަށް ހޭނިފައި. މި އަހަރަށް ބަލައިލި ނަމަވެސް އަހަރެމެން ދައްކަމުންދާ ކުޅުން ވަރަށް ރަނގަޅު." ބެނިޓޭޒް ބުންޏެވެ.