10 Mar 2014, 09:51
ސްޕެނިޝް ލަލީގާގައި ރޭ ލެވަންޓޭ އަތުން 3-0 ލަނޑުން މޮޅުވެ، ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން ލީޑްފުޅާކޮށްފި އެވެ.
މެޑްރިޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ލެވަންޓޭގެ ޑިފެންޑަރު ޑޭވިޑް ނަވާރޯ އަށް ރަތް ކާޑު ދެއްކި އިރު، އެ ޓީމުގެ ފަރާތުން ބައި ކޮޅަށް ޖެހި ލަނޑެއް ވެސް ފެނިފައިވެ އެވެ. މޮޅު ކުޅުމެއް ދައްކައި ކެނޑިނޭޅި ލެވަންޓޭގެ ގޯލަށް މެޑްރިޑުން ނުރައްކާ ކުރަމުން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު އެގާރަ ވަނަ މިނެޓްގައި މެޑްރިޑަށް ކާމިޔާބުކޮށްދިނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުން މެޑްރިޑުގެ ބްރެޒިލް ޑިފެންޑަރު މާސެލޯ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މާސެލޯ މި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ލަނޑު ކާމިޔާބުކުރި ރޮނާލްޑޯ ދިން ބޯޅައަކުންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ލެވަންޓޭގެ ނަވާރޯ އަށް ރަތް ކާޑު ދެއްކީ ދަނޑުމަތީގައި ހިންގި ހަމަނުޖެހުމަކާއި ގުޅިގެންނެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ލެވަންޓޭގެ ޑިފެންޑަރު ނިކޮސް ކަރަބެލަސް އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވެ އެވެ.
އަލްމޭރިއާ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ސެވިއްޔާ އިން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ތިން ލަނޑު ވެސް ކާމިޔާބުކުރީ ސެވިއްޔާ އިންނެވެ. ސެވިއްޔާގެ ފުރަތަމަ ލަނޑު ކާލޮސް ބައްކާ ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑަނިއެލް ކަރިކޯ އެވެ. ސެވިއްޔާގެ ތިން ވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކެވިން ގެމޭރޯ ކާމިޔާބުކޮށްދިން އިރު، އަލްމޭރިއާގެ ހަމައެކަނި ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ އެލެކްސިސް ވިޑަލް ޕަރޭއޫ އެވެ.
އަމިއްލަ ދަނޑުގައި އެލްޗޭގެ މައްޗަށް އެސްޕާނިޔޯލް ކުރި ހޯދީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗު ފެށިތާ ދެ މިނެޓް ފަހުން އެސްޕާނިޔޯލް އަށް ޑޭވިޑް ލޯޕޭޒް ކާމިޔާބު ކޮށްދިން އިރު، އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިއެގޯ ކޮލޮޓޯ އެވެ. އެސްޕާނިޔޯލްގެ ފަހު ލަނޑު މެޗުގެ 58 ވަނަ މިނެޓްގައި ޕިޒީ ކާމިޔާބު ކޮށްދިން އިރު، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެސްޕާނިޔޯލްގެ ހުއާން ރަފައެލް ފުއެންޓެސް ހެނާންޑޭޒް އަތުން ބައިކޮޅަށް ލަނޑެއް ވަނެވެ.
ސްޕެނިޝް ލަލީގާގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 67 ޕޮއިންޓާއެކު އެވެ. ލިބުނު 64 ޕޮއިންޓާ އެކު ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތް އިރު، 63 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ.