ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުން ޖުވެނައިލް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން އަމުރެއް ނެރެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ވަކިވަކިން ނެރެފައިވާ އެ އަމުރުތަކުގައި އަންނަ ބުދަ ދުވަހުގެ 1:30 އަށް އެ ކޯޓަށް ހާޒިރުވުމަށް ހިއުމަންރައިޓްސް ކޮމިޝަންގެ ހުރިހާ މެންބަރުންނަށް އަމުރުކޮށްފައިވާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެފަދަ އަމުރެއް ނެރެފައި ވަނީ އެ ކޮމިޝަނުން ނެރުނު ރިޕޯޓަކާ ގުޅޭ ގޮތުން ސުވާލުކޮށް ކަންހިނގާފައިވާ ގޮތް ބެލުމަށް ޓަކައި ދެ ފަހަރެއްގެ މަތިން އެ ކޯޓަށް ހާޒިރުވާން ސިޓީއަކުން އެންގުމުން އެ އެންގުމަށް ތަބާވެފައިނުވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެ ކޮމިޝަނުން ޖުވެނައިލް ކޯޓަށް ފޮނުވާފައި ވަނީ ށ. ފޭދޫ 15 އަހަރުގެ ކުއްޖަކަށް ލިބިފައިވބާ ލިބިފައިވާ ޖިންސީ އަނިޔާގެ މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ މައްޗަށް ބަލައި އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓެކެވެ.

އޮފިޝަލް ވިދާޅުވީ އެ ކޯޓުން ބަލާފައި ވަނީ އެ ކުއްޖާ އަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ކަމަށް އެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ކޯޓުން އެ މައްސަލައާ ގުޅިގެން އަމަލުކޮށްފައިވާގޮތާ ޚިލާފަށް އެ ރިޕޯޓުގައި ކަންތައްތަކެއް ހިމަނާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓާ މެދު ނުރަނގަޅު ތަސައްވުރެއް ދޭހަވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ޕޮއިންޓުތަކަކީ ކޯޓުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ މާނަ ދޭހަވާ ގޮތަށް ހިމަނާފައިވާ ޕޮއިންޓްތަކެއް ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.


އެ ރިޕޯޓުގައި ހިމަނާފައިވާ ކަންތަކާ ގުޅޭ ގޮތުން ސުވާލުކޮށް ކަންހިނގާފައިވާ ގޮތް އޮޅުންފިލުވުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އެ ކޯޓަށް ހާޒިރުވާން ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުންނަށް ސިޓީއަކުން އެންގުމުން، އެކަންކަމާ މެދު ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް ބުނެ ސިޓީއަށް ޖަވާބުދެއްވާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ސިޓީއާ އެއްގޮތަށް ހާޒިރުވެފައި ނުވާތީ އިއްޔެ 10:00 އަށް އެ ކޯޓަށް ހާޒިރުވުމަށް އަންގައި ދެވަނަ ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީއާ ގުޅިގެން ކޯޓަށް ހާޒިރުނުވާތާގައި އެއަށް ޖަވާބެއް ދެއްވާފައިނުވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.