ޖެނީވާ (މާޗް 10) : ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިޔަށްދާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންތަކުގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި ސްރީލަންކާއާ ދެކޮޅަށް ގަރާރެއް ފާސް ކުރުމަށް އެމެރިކާ އިސްވެ އޮވެގެން ކުރަމުންގެންދާ މަސައްކަތްތަކަށް ސްރީލަންކާ ސަރުކާރުން ފާޑުކިޔައިފި އެވެ.

ޖެނީވާގައި ހުންނަ އދގެ މަރުކަޒަށް ސްރީލަންކާ އިން ކަނޑައަޅާފައިވާ ހުންނަ ދާއިމީ މަންދޫބު ރަވީނަތް އަރްޔާ ސިންހާ ވިދާޅުވީ، އިންސާނީ ހައްޤުތަކުގެ ނަމުގައި ސްރީލަންކާއާ ދެކޮޅަށް ފާސްކުރުމަށް މަސައްކަތްކުރާ ގަރާރަކީއދ އާއި ބައިނަލްއަޤްވާމީ ހަމަތަކާއި އުޞޫލްތަކާ މުޅިން ޚިލާފު ގަރާރެއް ކަމަށާ އިންސާނީ ހައްގުތަކާބެހޭ ގޮތުން ސްރީލަންކާ ސަރުކާރުން ދުނިޔެ އަށް ހާމަކޮށްދޭން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމުގަ އެވެ.

ރަވީނަތް އަރްޔާ ސިންހާ ވިދާޅުވީ، ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު ދުވަސްވަރު ތަމަޅަ އާންމުންގެ ބަޔަކު މަރާލާފައިވާ ކަމަށް ތުހުމަތުކޮށް އެކަން ތަހްގީގް ކުރަން ސްރީލަންކާ އަށް މަޖްބޫރުކުރާ ގަރާރެއް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ފާސްކުރުމަކީ އިންސާފުން ބޭރުގައި ކުރެވޭ ކަމެއް ކަމުގަ އެވެ. އަދި މިގަރާރު ފާސްކޮށްފި ނަމަ ސްރީލަންކާ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގްލާލަށް ބޭރުގެ ނުފޫޒުތަކުގެ ނުރައްކާތެރިކަން ބޮޑުވެ މުސްތަޤްބަލްގައި އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބައެއް ގައުމުތައް އަޑީގައި ތިބެގެން އދ. ގެ މުއައްސަސާތައް މެދުވެރިކޮށް ސްރީލަންކާއާ ދެކޮޅަށް ގަރާރުތައް ފާސްކުރަން މަސައްކަތް ކުރަނީ ސްރީލަންކާއާ މެދު އޮންނަ ޒާތީ ހަސަދައެއްގެ ސަބަބުން ކަމަށް ވެސް ރަވީނަތް ވިދާޅުވި އެވެ.

ސްރީލަންކާއާ ދެކޮޅަށް އދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ މަޖްލީހަށް ހުށަހަޅާ މިގަރާރު ޤަރާރު ސްޕޮންސާ ކޮށްފައި ވަނީ އެމެރިކާ، އިނގިރޭސި ވިލާތުގެ އިތުރުން މޮންޓީނީގްރޯ، އަޔަލޭންޑް، މޮރީޝަސް އަދި މެސެޑޯނިއާ އެވެ. މި ގަރާރަށް ތާއީދު ހޯދުމަށް މި ހަ ގައުމުން މަސައްކަތްކުރަމުންދާ އިރު މިކަމަށް މާބޮޑު ތަރްހީބެއް އަދި ނުލިބޭކަމަށް ޚަބަރުތައް ބުނެ އެވެ. (ރޮއިޓާސް