10 Mar 2014, 09:18
"ގެދޮރުވެރިކުރުން" ޕްރޮގުރާމްގެ އަތޮޅުތަކުގެ ގެދޮރު އިމާރާތްކުރުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީ އަށް އެދޭ ފޯމް ދޫކުރަން ފަށައިފި އެވެ.
ހައުސިން މިނިސްޓްރީ އިން މިއަދު ބުނީ އަތޮޅުތަކުގެ ގެދޮރު އިމާރާތްކުރުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީ އަށް އެދޭ ފޯމް މިއަދުން ފެށިގެން ރަށްރަށުގެ ކައުންސިލްތަކުންނާއި އަވަށު އޮފީސް ތަކުން ލިބޭނެ ކަމަށެވެ. އަދި އެ މިނިސްޓްރީއިންނާއި "ގެދޮރުވެރިކުރުން" ޕްރޮގުރާމްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ފޯމް ދޫކުރަނީ އަންނަ މަހުގެ 24 ގެ ނިޔަލަށެވެ.
އެމިނިސްޓްރީ އިން އިތުރަށް ބުނީ އެފޯމް ދޫކުރާނީ އެފެސިލިޓީގެ ދަށުން އިމާރާތްކުރާ ގޯތީގެ ރަޖިސްޓްރީގެ ކޮޕީއަކާއި އެގޯތި ރަޖިސްޓްރީކުރި ފަރާތުގެ އައިޑީކާދުގެ ކޮޕީއެއް ހުށައެޅުމުން ކަމަށެވެ. އަދި ކޮންމެ ރަޖިސްޓްރީއަކަށް ދޫކުރާނީ އެއް ފޯމް ކަމަށް ބުނެފައިވެ އެވެ.
އެމިނިސްޓްރީ އިން ބުނީ އެފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން މޭ މަހުގެ 15 ގެ ނިޔަލަށް ރަށްރަށު ކައުންސިލްތަކުން ކަމަށެވެ.
މާލޭގެ ރަށްވެހިންގެ ތެރެއިން، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފަށާފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަށް އެދުމަށް މިހާރު ވަނީ ފޯމް ދޫކުރަން ފަަށައިފަ އެވެ.