21 Dec 2010, 04:12
މިސްރަށް ޖާސޫސު ކުރުމަށްޓަކައި އިސްރާއީލުން ހިންގާ ޖާސޫސީ ވިއުގައެއް މިސްރުން އަތުލައިގެންފި އެވެ. މިސްރުގެ އަމްނާބެހޭ ފަރަތްތަކުންބުނީ މިވިއުގާގައި ހިމެނެނީ އިސްރާއީލުގެ ދެމީހަކާއި އިސްރާއީލުގެ އެޖެންޓެއްގެ ގޮތުގައި ޙަރަކާތްތެރިވާ މިސްރުގެ ރައްޔިތެއް ކަމުގަ އެވެ. އިސްރާއީލުގެ މި ޖާސޫސީ ވިޔުގަ މަސައްކަތްކުރަމުން ގެންދިޔައީ މިސްރަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ޙަމަލާދިނުމަށާއި ޓޫރިސްޓުން ވަގަށްނެގުންފަދަ ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމަށް ކަމަށް މިސްރުގެ އަމްނާބެހޭ ފަރާތްތަކުން ބުނެ އެވެ. ޓޫރިސްޓުންނަށް ޙަމަލާދިނުންފަދަ ޓެރަރިސްޓް ޢަމަލުތައް ހިންގުމުން މިކަމުގެ ޒިންމާ މިސްރުގެ ސަރުކާރުން އަޅުވާނީ އެޤައުމުގައި ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ކަމަށް ސިފަކުރެވޭ ފަރާތްތަކުގެ ބޮލުގައި ކަމަށް ބަލައިގެން އިސްރާއީލުގެ ޖާސޫސީ ވިއުގައިން ރޭވުންތައް ރާވާފައިވާ ކަމަށްވެސް މިސްރުގެ ނޫސްތައްބުނެ އެވެ.
މިސްރުން ވަރަށް ގިނައިން އިސްރާއީލުގެ ޖާސޫސީ ވިއުގަތައް އަތުލައި ގަނެ އެވެ. ނަމަވެސް މިސްރަށް ޖާސޫސުކުރުމުގެ ކުށުގައި ހައްޔަރުކުރާ އިސްރާއީލުގެ ޖާސޫސުން މިނިވަންކުރުމަށް ކުރިމަތިވާ ފިއްތުންތަކަށް އެންމެފަހުން މިސްރުޖެހެނީ ބޯލަނބާށެވެ. މިގޮތުން މިހާތަނަށް ޖާސޫސުންގެ ގޮތުގައި މިސްރުން ހައްޔަރުކުރި އިސްރާއީލުގެ ހުރިހާ މީހުންވެސްވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިނިވަން ކޮށްފަ އެވެ.