އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުން ހަ މަހަށް ޖަލަށް ލުމަށް މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމާއިއެކު ފެނިގެން އެ ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީގެ "ބާރު ކަނޑާލިތަން" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިއްދޫގައި މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިރޭ ފެނިގެން އެދިޔައީ އިލެކްޝަންސް ކޮމިޝަނުގެ ބާރުވެސް ކަނޑުވާލިތަން ކަމަށެވެ.

"މިރޭ އަޅުގަނޑުމެނަށް ފެނިގެން މިދަނީ އެ ކޮމިޝަން، [އިލެކްޝަންސް ކޮމިޝަން]ގެ ބާރު ކަނޑުވާލާއި އެކޮމިޝަނުގެ ކޮމިޝަނަރާއި ކޮމިޝަނުގެ ނައިބު ޖަލަށް ލުމަށް ހުކުމްކޮށް، އަޅުގަނޑުމެން ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލިތަން،" ނަޝީދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ބެލިނިވެރިކަން ގުޅިފައިވަނީ ރައްޔިތުން މަޖިލީހަށް ކަމަށާއި ރާއްޖޭގައި އިންތިހާބުތައް ބާއްވައި، އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަށް ބެހުމަކީ ސުޕްރީމް ކޯޓުގެ މަސައްކަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ މައްސޫލިއްޔަތަކީ ދިވެހި ރާއްޖޭގައި އަދުލު އިންސާފް ގާއިމުކޮށްދިނުމުގައި އެހީތެރިވެދިނުން. ސުޕްރީމް ކޯޓުގެ މައްސޫލިޔަތެއް ނޫން އެއީ ދިވެހި ރައްޔިތުން އިންތިހާބުކުރާ ވެރިކަން އިންތިހާބުކުރާ ގޮތާމެދު، އެ ބޭފުޅުންގެ ފާޑެއް، ހުކުމެއް އަދި އެއްވެސް ބާވާތެއްގެ ބައިވެރިވުމެއް އޮތުމަކީ،" ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމާއި ގުޅިގެން ނަޝީދުވަނީ އެކަމާއި ދެކޮޅަށް އިހްތިތާޖު ކުރުމަށް ނިކުރުމަށް ގޮވާލައްވައިފަ އެވެ.