ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންތަކާ މެދު ގޮތެއް ނިންމޭނީ އެ ހުކުމް ލިބުމުން ކަމަށް މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމް ހޯދުމަށް މަޖިލީހުން އެ ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހުކުމް ލިބުމުން ކައުންސެލަރު ޖެނެރަލްގެ ގާނޫނީ ލަފާ ހޯއްދެވުމަށް ފަހު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ނިންމާނެ ކަމަށެވެ.

"ކައުންސެލް ޖެނެރަލް ގާނޫނީ ލަފާ ލިބުނީމާ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނީ،" ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާތަނަށް އެ ހުކުމް މަޖިލީހުގެ އިދާރާ އަށް ލިބިފައިނުވާ ކަމަށާއި ހުކުމް ދިރާސާ ކުރުމަށް ފަހު ނޫނީ އެ މައްސަލައާ ބެހޭ ގޮތުން އެއްޗެއް ނުބުނެވޭނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އިސްވެދެންނެވި ޙުކުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް އެއްޗެއް ބުނެވޭނީ އެ ޙުކުމްގެ ލިޔުން ލިބި، އެ ލިޔުން ދިރާސާކުރެއްވުމަށް ފަހުގަ އެވެ. އަދި، ސުޕްރީމް ކޯޓުގެ އެ ޙުކުމްގެ ލިޔުން ފޮނުއްވައި ދެއްވުމަށް އެ ކޯޓުގައި އެދި، މިހާތަނަށްވަނީ އެ ޙުކުމްގެ ލިޔުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތް ނުވެފަ އެވެ،" މަޖިލީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.