އިލެކްޝަންސް ކޮމިޝަނުގެ ހަތަރު މެންބަރުން ޖަލަށް ލުމަށް މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީގެ ބައްދަލުމެއް މާދަމާ ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކޮމެޓީގެ ނައިބު މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ ސަން އަށް މައުލޫމާތު ދެއްވުން މިރޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން މިނިވަން މުވައްސަސާތަކުގެ ކޮމެޓީއެއް ކޮންމެހެން ވެސް ބާއްވަން ޖެހޭ ކަމަށް ދެކިވަޑައިގަންވާ ކަމަށާއި އެހެން ކަމުން މާދަމާ ކޮމެޓީ ބޭއްވުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑު ދެކެނީ މި ވަގުތު އަޅުގަނޑުމެން އެބަ ޖެހޭ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއެއް ބާއްވަން. އަޅުގަނޑުމެން ދެން ކުރިއަށްދާނެ ގޮތަކާ ބެހޭ ގޮތުން އޮޅުންފިލުވަން ޖެހޭ ކަން އެބަހުރި ކަމަށް އަޅުގަނޑުމެން ދެކެނީ،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސްގެ ޝަރުތުތައް ގެއްލިއްޖެ ކަމަށް އޭނާ ދެކިވަޑައި ނުގަންވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް އިތުރު މެންބަރު އައްޔަން ކުރުމާ ބެހޭ ގޮތުން ވެސް އެ ކޮމެޓީގައި ވާހަކަ ދައްކަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެމްބަރުން ޖަލަށް ލުމަށް ކުރި ހުކުމުގައި އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހްމަދު ފަޔާޒް ހަސަން މެންބަރު ކަމުން ވަކިވެއްޖެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އަނެއް ދެ މެންބަރުންގެ ގޮނޑި ނުގެއްލެ އެވެ.

އެ ބޭފުޅުންގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރަން ޖެހެނީ ތިން އަހަރު ފަހުންނެވެ.