ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މި މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ސަރުކާރު ކުރަން ޖެހޭ ކަންކަން "އަވަސް މިނެއްގައި" ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތުގެމަތިން މިމަހުގެ 22 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށެވެ.

މުއާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ނާއިބް ރައީސް އަހްމަދު ފަޔާޒު ހަސަން ކޮމިޝަންގެ މެމްބަރުކަމުން ވަކިވެފައިވާތީ، އެ ދެބޭފުޅުންގެ ބަދަލުގައި ދެ މެމްބަރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވުމުގެ މަސައްކަތް "ބާރު ސްޕީޑެއްގައި" ކުރާނެ ކަމަށެވެ.

"އިންތިހާބު ބޭއްވުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާކަމެއް ކުރާނެ. އެގޮތުން އިލެކްޝަން ކޮމިޝަނަށް އައްޔަން ކުރަންޖެހޭ މެންބަރުން އައްޔަން ކުރުމަށް ސަރުކާރުން ނަން ފޮނުވުމުގެ މަސައްކަތްވެސް އަވަށް ކުރާނެ،" މުއާޒު ވިދާޅުވި އެވެ.

ފުވާދާއި ފަޔާޒު ކޮމިޝަންގެ މެމްބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައަޅައި މިރޭ ކުރި ހުކުމްގައި، މި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމަށް ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ.