އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެމްބަރުން ހަ މަސް ދުވަހަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިރޭ އެ ހުކުމް ކޮށްފައި ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު މުހައްމަދެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގައި ކޮށްފައިވާ ހަ މަސް ދުވަހުގެ ޖަލުހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ. ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު ބުނާ ގޮތުން ހުކުމެއް ތަންފީޒުކުރުން ފަސްކޮށްފި ނަމަ، އެ މުއްދަތުގެ ތެރޭގައި އެމީހަކު އިތުރު ކުށެއް ނުކުރާ ނަމަ ދެން އެ ހުކުމް ތަންފީޒުކުރާކަށް ނުޖެހޭނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގާއި ނާއިބް ރައީސް އަހްމަދު ފަޔާޒު ހަސަން ކޮމިޝަންގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ އަލީ މުހައްމަދު މަނިކާއި މުހައްމަދު ފާރޫގުގެ ގޮނޑި ނުގެއްލެ އެވެ.

އެގޮތަށް ހުކުމް ކުރި ނަމަވެސް މިހާރު ވެސް އިއުލާންކޮށްފައިވާ ގޮތަށް މިމަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ޓަކައި ކުރަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.


ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ބެލި އެ މައްސަލައިގައި ރައުޔު ތަފާތުވެފައި ވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަންވާނީ ރާއްޖޭގެ ޖިނާއީ އިޖުރާއަތުތަކާ އެއްގޮތްވާގޮތުގެމަތިން ކަމާބެހޭ އިދާރާއިން އެ މައްސަލަ ތަހުގީގު ކޮށްގެން ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އެ ކޯޓުގެ ހުކުމްތަކާ ޚިލާފަށް ވާހަކަދައްކައި، ކޯޓުގެ ހުރުމަތް ކަނޑާލާފައިވާކަން ފުވާދު ތައުފީގު ޝަރީއަތުގައި ވެފައިވާ އިއުތިރާފުން ވެސް އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން "ސުމޯޓޯ" މައްސަލަ ބެލުމަށް ކަޑައަޅާފައިވާ ގަވާއިދުގެ ދަށުން އެބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ފެންނަ ކަމަށް ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމްގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ގާނޫނާ ޚިލާފަށް ކުރި ކަންތައް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 3000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލާފައި ވަނީ އެ ކޯޓުން ނެރެފައިވާ އަމުރުތަކާ ޚިލާފަށް ކަމަށް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރުމަށް ދައުލަތުގެ ބަންޑާރަ ނާއިބް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ކުރި ހުކުމްގައި 3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.