މި މަހުގެ ހަޔަކުން 10 އަށް ޕާކިސްތާނުގެ ލާހޫރުގައި ކުރިއަށްދާ ބޮޑީ ބިލްޑިންގް ޗެމްޕިއަންޝިފުގައި ރާއްޖެއިން ބައިވެރިވާ ގައުމީ ބޮޑީ ބިލްޑަރުންނަށް ނުފުރުނީ މޯލްޑިވްސް ބޮޑީ ބިލްޑިންގް ފެޑެރޭޝަންގެ އިހުމާލުން ކަމުގައި ބޮޑީބިލްޑަރުންގެ ޓީމުގެ ކޯޗު މުހައްމަދު އިބްރާހިމް ބުނެފި އެވެ.

ޕާކިސްތާނުގައި މިހާރު ކުރިއަށްދާ މުބާރާތަށް ރާއްޖެއިން ހަތަރު ބޮޑީބިލްޑަރަކު ނަގައިފައިވެ އެވެ. އެ ޓީމުގައި ހިމަނާފައި ވަނީ 2011، 2012 އަދި 2013 ވަނަ އަހަރުގެ މިސްޓަ މޯލްޑިވްސް އާދިލް މުހައްމަދު އާއި، 2008 ވަނަ އަހަރު މިސްޓަ މޯލްޑިވްސް މުހައްމަދު ޒިޔާދު އާއި، އަލީ އަނަސް އަދި މުހައްމަދު މޫސާ އެވެ.

ސަން އަށް މައުލޫމާތު ދެމުން ޓީމުގެ ކޯޗު މުހައްމަދު އިބްރާހިމް ބުނީ، ބައިވެރިންނަށް ޕާކިސްތާނަށް ނުފުރުނީ ފެޑަރޭޝަނުން ބަޖެޓް ހަމަޖައްސައި ނުދިނުމުން ކަމަށެވެ.

"ބޮޑީބިލްޑަރުންނަށް ނުފުރުނީ ފެޑެރޭޝަންގެ ފަރާތުން ރަނގަޅަށް އެކަމަށް މަސައްކަތް ނުކުރުމުން. ޕާކިސްތާނަށް ފުރުމަށް ދާނެ ހަރަދުތަކުގެ ތަފްސީލު ފެޑަރޭޝަނަށް ދިން އިރު، ބައިވެރިއަކަށް ޓިކެޓްގެ ގޮތުގައި އޭރު ނަގަނީ 900 ޑޮލަރު. އޭގެ އިތުރުން އެ ތަފްސީލުގެ ތެރޭގައި 250 ޑޮލަރުގެ ރެޖިސްޓްރޭޝަން ފީ ހިމެނޭނެ،" މުހައްމަދު އިބްރާހިމް ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށް ޔޫތު މިނިސްޓްރީން ބޮޑީބިލްޑިން ފެޑަރޭޝަނަށް ލިބުނީ ގާތްގަނޑަކަށް 72،000 ރުފިޔާ ކަމަށާއި، ނަމަވެސް އެ ބަޖެޓުން ހަމަނުޖެހުނީ ފެއާގެ އަގުތަކަށް ބަދަލު އައުމުން ކަމަށް ކޯޗު ބުންޏެވެ.

"ފަހުން ފެއާގެ އަގުތަކަށް ބަދަލު އައިސް ޓިކެޓުގެ ގޮތުގައި ދައްކަން ޖެހެނީ ބައިވެރިއަކަށް 1200 ޑޮލަރު. މިނިސްޓްރީން ފެޑަރޭޝަނަށް ދިނީ ގާތްގަނޑަކަށް 72،000 ރުފިޔާގެ ބަޖެޓެއް. އެ ބަޖެޓަކީ ކުރިން ހުށަހެޅުނު ޓިކެޓުގެ އަގަށް ދޫކޮށްފައިވާ ބަޖެޓެއް. ފަހުން ފެޑަރޭޝަނުން އިތުރަށް ބަޖެޓް ހޯދުމަށް މަސައްކަތެއް ނުކުރޭ،" މުހައްމަދު އިބްރާހިމް ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ބޮޑީބިލްޑަރުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެގޮތުން ދެ ހަފްތާ ތެރޭގައި ބޮޑީބިލްޑަރުން ތައްޔާރުވުމުގެ ގޮތުން އަމިއްލަ އަށް ވެސް ވަނީ ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ.