ފްރާންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް އަދި ލީގު ކަށަވަރުނުވާ ކަމަށާއި އަދިވެސް ކުރަން ހުރި މަސައްކަތްތަކެއް އެބަހުރި ކަމުގައި އެކްލަބުގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.

ފްރާންސް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް މޮނާކޯ އާއި ދެމެދު އޮތީ 8 ޕޮއިންޓްގެ ފަރަގެކެވެ. 8 ޕޮއިންޓްގެ ލީޑެއް އޮތް ނަމަވެސް ލީގު އަދި ނުނިމޭ ކަމުގައި އިބްރަހިމޮވިޗް ބުނެފައި ވެއެވެ.

"102 ގޯލު ކާމިޔާބު ކުރުމަކީ ކާމިޔާބެއް، އެކަމުން އަންގައިދެނީ މިހާތަނަށް އަހަރެމެންގެ ކުޅުން ވަރަށް ރަނގަޅުކަން. އަހަރެމެން ޖެހޭނެ ވަރަށް ބޮޑަށް ސަމާލުވާން. ފަސޭހަ ކޮށްލައިފިއްޔާ ހިތި ނަތީޖާއެއް ނުކުމެދާނެ. އަދި ލީގެއް ނުނިމޭ." އޭނާ ބުންޏެވެ.

ފްރާންސް ލީގުގައި ޕީއެސްޖީ ކުޅުނު 28 މެޗުގެ ތެރެއިން އެޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ވިހި މެޗުން މޮޅުވި އިރު، ކުޅުނު ހަތް މެޗަކުން އެއްވަރުވެފައި ވެއެވެ. މި ސީޒަނުގައި ޕީއެސްޖީއިން ވަރަށް ރަނގަޅު ކުޅުމެއް ދައްކާ ކަމަށް އިބްރަހިމޮވިޗް ގަބޫލުކުރެ އެވެ.

"އަހަރެމެން މިދަނީ ރަނގަޅު ކުޅުމެއް ދައްކަމުން. ދެން ކުރިއަށް ހަދަން ޖެހޭގޮތް އަހަރެމެންނަށް އެނގޭ. އަހަރެމެން އަތުގައި ބޮޑު ލީޑެއް އެބައޮތް، ނަމަވެސް ކުޅެން އޮތީ މަދު މެޗެއް. ކުރިއަށް އޮތް ދެ މަހަކީ ވަރަށް މުހިންމު ދުވަސްތަކަކަށް ވާނެ. އެ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ." އިބްރަހިމޮވިޗް ބުންޏެވެ.