މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ދިނުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓަށް 61 އެއް ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ބިޔުރޯގެ ޑިރެކްޓަރު އަދި އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަކީލް ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރޭގެ ނިޔަލަށް ހަމަވި އިރު ރާއްޖެ އާއި ރާއްޖެ އިން ބޭރުން މުޅި ޖުމްލަ 61 އެއް ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

"ރީރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރޭގެ ނިޔަލަށް ހަމަވި އިރު ރާއްޖެ އާއި ރާއްޖެ އިން ބޭރުން މުޅި ޖުމްލަ 61 ޝަކުވާ އަޅުގަނޑުމެންނަށް ލިބިފައިވޭ." ޝަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތު އެނގޭނީ ހުރިހާ ޝަކުވާތަކެއް ޕްރޮސެސްކޮށް ނިމުމުން ކަމަަށެވެ.

އޭނާ ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާ ހުށެހެޅުމަށް ހުޅުވާލި ފުރުސަތަކީ ރަޖިސްޓްރީ ކުރި ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެކަން ރަނގަޅު ކުރުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.

ޝަކީލް އިތުރަށް ވިދާޅުވީ ރަޖިސްޓްރީ ކުރަން ހުށަހެޅި ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ނަމަ އެކަން އިސްލާހު ކުރެވޭނީ ކޮމިޝަންގެ ފަރާތުން ދިމާވެފައިވާ މައްސަލައެއް ކަމަށް ވާނަ ކަމަށެވެ. އެ ނޫން އެހެން ގޮތަކަށް ލިސްޓަށް ބަދަލެއް ނުގެނެވޭނެ ކަމަށް ޝަކީލު ވިދާޅުވި އެވެ.

ޝަކީލް އިތުރަށް ވިދާޅުވީ މި ފަހަރުގެ ރައްޔިތުންގެ މަޖިލީޯހުގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުން ފައިނަލް ލިސްޓް، ދާއިރާތައް ވަކިން މާދަމާރޭ އާންމު ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 302 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ބުނެފަ އެވެ.