09 Mar 2014, 16:57
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ އަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިމަތިލާފައިވާ ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލު ކުރުމަށް އެ ދާއިރާގެ މިހާރުގެ މެންބަރު އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެމްޑީޕީން ހައި ކޯޓުގައި މިއަދު އެދެފި އެވެ.
ސިވިލް ކޯޓަށް އަލްހާން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ފޭދޫ ދާއިރާގެ ޕްރައިމެރީ ކުރިއަށް ގެންގޮސްފައި ވަނީ އުސޫލާ ހިލާފަށް ކަމުން އެ އިންތިހާބު ބާތިލު ކުރުމަށެވެ.
އެމްޑީޕީން އެ މައްސަލައަށް ތަދައްހުލްވުމަށް ފަހު އިޖްރާއީ ނުކުތާއެއް ނެގުމަށް ފަހު ބުނެފައި ވަނީ ފޭދޫ ދާއިރާގެ އިންތިހާބު ކުރިއަށް ގެންގޮސްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ ޝަކުވާއެއް އޮތް ނަމަ ޖެހޭނީ ކޮމްޕްލެއިންސް ބިއުރޯ އަށް ހުށަހަޅައި އެއަށްފަހު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަން ކަމަށެވެ.
އެމްޑީޕީގެ ބުނެފައި ވަނީ ޝަކުވާ ހުށަހެޅުމުގެ ޕްރޮސެސް ފުރިހަމަނުކޮށް އަލްހާން ކޯޓަށް ވަޑައިގެންފައި ވާތީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ.
އެމްޑީޕީގެ އިޖްރާއީ ނުކުތާއާމެދު ކޯޓުން ބުނެފައި ވަނީ އަލްހާން ގަޔަށް ވަޅި ހެރުމުގެ ސަބަބުން އޭނާ އަށް ހާއްސަ ހާލަތްތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން ޝަކުވާ ހުށަހެޅުމުގެ ޕްރޮސެސް ފުރިހަމަ ނުކުރި ނަމަވެސް އެ މައްސަަލަ ކޯޓަށް ބެލޭނެ ކަމަށެވެ.
އެ މައްސަލަ ބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން އެމްޑީޕީން މިއަދު ހައި ކޯޓުގައި އެދިފައި ވަނީ ހައި ކޯޓުން އެ ނުކުތާއަށް ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ ސިވިލް ކޯޓުގައި ބެލުން މަޑުޖައްސާލުމަށެވެ.
"އަޅުގަނޑުމެން ހައި ކޯޓުގައި މިއަދު އެދިފައިވާނީ ހައި ކޯޓުގެ މައްސަލަ ކުރިއަށް ދަނިކޮށް ދަށު ކޯޓުން [ސިވިލް ކޯޓުން] އެ މައްސަލަ ނުބެލުމުގެ ވަގުތީ އަމުރަކަށް،" އެމްޑީޕީގެ ވަކީލުންގެ ޓީމުގެ ފަރާތުން އަބްދުﷲ ޝާއިރު ވިދާޅުވި އެވެ.