09 Mar 2014, 15:45
ވިލިމާލޭގައި ދިރިއުޅެމުންދާ މީހުންނަށް ފަސޭހައިން ބޭސް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށް ޓަކައި ވިލިމާލޭގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި އެވެ.
ވިލިމާލޭ ސިއްޚީ މަރުކަޒު ހިމެނޭ ގޯތި ތެރޭގައި ހަދާފައިވާ ފާމަސީ ރަސްމީކޮށް ހުޅުވައި ދެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް އާއި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބް އެވެ.
އާސަންދައިގެ ހިދުމަތް ލިބޭ އެސްޓީއޯ ވިލިމާލެ ފާމަސީ ހުޅުވައިދެއްވުމަށް ފަހު އާޒިމް ވިދާޅުވީ ވިލިމާލެ އަކީ ބޭސް ހޯދުމަށް ވަރަށްބޮޑަށް ދަތިވެފައިވާ ރަށެށް ކަމަށާއި ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހައިން ބޭސް ފޯރުކޮށްދިނުމަށް ޓަކައި އެސްޓީއޯ އިން ސަރުކާރާ އެކު އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ހަބީބް ވިދާޅުވީ ވިލިމާލޭގައި 24 ގަޑިއިރު އާސަންދައިގެ ދަށުން ބޭސް ލިބޭ ބޭސްފިހާރައެއް ނެތުމުން އެކަމުގެ ޝަކުވާ ވިލިމާލޭ ރައްޔިތުންގެ ފަރާތުން އަބަދުވެސް ހުށައަޅަމުން އަންނަ ކަމަށާއި އެސްޓީއޯ ފާމަސީގެ ސަބަބުން ބޭސް ހޯދުމުގެ ދަތިކަމަށް ހައްލު ލިބިގެން ދާނެކަމަށެވެ.
އެސްޓީއޯ އިން މިހާރު ގެންދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި 51 ފާމަސީއެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.