09 Mar 2014, 14:41
"ދިވެހިރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލު" ބާތިލު ކުރެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލު ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅާފައި ވަނީ އަލްބަޓްރޮސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑުންނެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައި މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ގާނޫނެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާ ނަމަ ހައްޖަށް މީހުން ގެންދިޔުމާއި ގެންދިޔުމަށް އިންތިޒާމް ހަމަޖެއްސުމާއި އެކަމަށް ބޭނުންވާ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެންވާ ކަމެއް ކަމަށެވެ.
"މި ސިޔާސަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އުސޫލަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފްވާ އުސޫލަކަށް ނުވާ ނަމަ އެ އުސޫލުގެ ބާރު ނަފީކޮށް ސިޔާސަތު ކަނޑައެޅުމަކީ ކޯޓުގެ ދައުރެއް ނޫން،" ގާޒީ ހާތިފް ހިލްމީ ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ބަލަމުންނެވެ.
ގާޒީ ހާތިފް ހުކުމުގައި ވިދާޅުވެފައި ވަނީ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ބެލުމަކީ އޭސީސީގެ މަސްއޫލިއްޔަތެއް ކަމަށާއި އެހެންކަމުން އެ ކޮމިޝަނުގެ މަސްއޫލިއްޔަތު ނަކަލުވާ ގޮތަށް އެ ކޮމިޝަނުގެ ދައުރެއް ނެތި، ދައުލަތުން ކަނޑައަޅާފައިވާ އުސޫލުގައި ކޮރަޕްޝަން ހިމެނޭކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމަކީ އޭސީސީގެ ގާއިމް ކުރުމުގެ މަގްސަދު ގެއްލިގެންދާ ކަމެއް ކަމަށެވެ.
"ގާނޫނު އަސާސީގައި ދައުލަތުގެ ގުނަވަންތައް ތަރުތީބު ކުރެވިފައިވާ ގޮތުން ދިވެހި ރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ސަބަބުން އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެކަމެއް ބަލައި ތަހުގީގުކޮށް ގާނޫނު އަސާސީގަ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހެ ފިޔަވަޅުތައް އެޅުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ދައުރުގައި ހިމެނިގެންވާ ކަމެއް،" އެ ހުކުމުގައިވެ އެވެ.