09 Mar 2014, 14:35
ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ބަލަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގެ ޝަރީއަތް ފަސްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބުނީ މިއަދު 2:30 އަށް ތާވަލް ކުރި ޝަރީއަތް ފަސްކޮށްފައި ވަނީ ހަވީރު 4:00 އަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ނިވްސް ކޮންފަރެންސްތަކުގައި ސުޕްރީމް ކޯޓު ކޮންޓެމްޕްޓް ވާގޮތަށް އެ ކޮމިޝަންގެ މެމްބަރުން ވާހަކަދައްކާފައިވާ ކަމަށް އެ ކޯޓުން ވަނީ ތުހުމަތުކޮށްފަ އެވެ.
ކުދި ޕާޓީތައް އުވިގެން ދިޔުމާ ގުޅިގެން އެ ކޯޓުން ކޮށްފައިވާ އަމުރަށް އަމަލުކޮށްފައި ނުވުމުގެ އިތުރަށް މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެ ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް ޗެލެންޖުކޮށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ގަސްދުގައި އަމަލުތައް ބަހައްޓަމުން އަންނަ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ތަފާތު އެކި ދުވަސްމަތިން އެ ކޮމިޝަންގެ މެމްބަރުން ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ހުރިހާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިނުކުރިއަސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއްވާނެ ކަމަށް އެއްވެސް ތަނެއްގައި ދެންނެވިންތޯ ފަނޑިޔާރު އެއްސެވުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ފުވާދު އެކަމަށް އެއްބަސްވެވަޑައިގަތުމުން ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ގައިޑުލައިނަށް އަމަލުކުރުމަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދޫނުކުރެވޭނެ ކަމަށާއި ގައިޑުލައިންގައިވާ ހުރިހާ ކަމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަނީ ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް ކަމަށް މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވިކަމަށް ވެސް ފުއާދު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
ފުވާދު ވިދާޅުވީ މީހެއްގެ މައްޗަށް ދައުވާ ކުރާއިރު ދެ ޚަސްމުނާއި ދައުވާ ކުރާފަރާތެއް އޮންނަންޖެހޭނެ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓަކީ އެ މައްސަލައިގެ އެއް ޚަސްމުކަމަށްވުމުން އެ ކޯޓަށް މައްސަލަ ބެލޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކާ ގުޅޭ ގޮތުން އެއްވެސް ތަނެއްގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްނުކުރެވޭނެ ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާނެ ކަމަށެވެ.