09 Mar 2014, 14:03
މިމަހު 22 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އިންތިހާބުގެ ކަންތައް ދިރާސާ ކުރުމަށް ރާއްޖެ އައިސްފައިވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިލެކްޝަން އޮބްސަވޭޝަން މިޝަން (އީޔޫ އީއޯއެމް)ގެ ޗީފް އޮބްސާވަރު އެޑްވާޑް ކުކާން ވިދާޅުވެއްޖެ އެވެ.
އީޔޫ އީއޯއެމް ގެ ވަފުދު ރާއްޖެ އައިސްފައި ވަނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ދައުވަތަކަށެވެ. އީޔޫގެ އޮބްސާވަރުން ހިމެނޭ ޓީމަކުން މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިވާ އިރު، އެ އޮބްސާވަރުންގެ ދިރާސާއާ އެކު އީއޯއެމް އިން ރިޕޯޓެއް ނެރޭނެ އެވެ.
އީޔޫ އީއޯއެމް އިން މިއަދު ހެނދުނު މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޔޫ އީއޯއެމްގެ ވަފްދުން އެންމެ އިސްކޮށް ހަރަކާތްތެރިވާ ޗީފް އޮބްސާވަރު ވިދާޅުވީ، އީޔޫ އީއޯއެމްގެ ޓީމުން މަސައްކަތް ކުރާނީ މިނިވަންކަމާ އެކުގައި ކަމަށާއި ނަތީޖާ އަށް ނުވަތަ އިންތިހާބުގައި ހިނގާ އެއްވެސް ކަމަކަށް އެ ޓީމުން ބާރު ނުފޯރުވާނެ ކަމަށެވެ.
"މި އިިންތިހާބަކީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް މުހިންމު އިންތިހާބެއް. މިއީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް،" ކުކާން ވިދާޅުވި އެވެ. "މި ޓީމުން މަސައްކަތްކުރާނީ މިނިވަންކަމާ އެކު. ވަކި ފަރާތަކަށް ނުޖެހި، ދެ ފަރާތް ފެންނަ ގޮތަކަށް. މި އިންތިހާބުގައި ހިނގާ އެއްވެސް ކަމަކަށް ނުވަތަ ނަތީޖާއަށް ބާރު ފޯރުވާކަށް މި މިޝަން އިން މަސައްކަތެއް ނުކުރާނެ."
އީޔޫ އީއޯއެމްގެ މިޝަނުން އިންތިހާބާއި ގުޅޭ ކަންތައްތަކަށް ބަލައި ދިރާސާ ކުރާނެ ކަމަށާއި ދިރާސާ އިން ހޯދުނު މައުލޫމާތުތައް ހިމަނައިގެން އެ މިޝަނުން ރިޕޯޓެއް ނެރޭނެ ކަމަށް ވެސް ކުކާން ވިދާޅުވި އެވެ.
"ކެންޑިޑޭޓުން ހިންގާ ކެމްޕޭނު ހަރަކާތްތަކާއި ގާނޫނީ ގޮތުން ނިންމާ ނިންމުންތަކާއި މީޑިއާގައި ހިނގާ ކަންތައްތަކާއި ވޯޓުލުމުގެ ކަންތައްތަކާއި ވޯޓު ގުނުމުގެ ކަންތައްތަކުގެ އިތުރުން ވޯޓުލާ މަރުކަޒުތަކުގެ ކަންތައްތައް މި މިޝަނުން ދިރާސާ ކުރާނެ. މި މިޝަނުން އިންތިހާބުގެ ދިރާސާތަކަށް ބަލައި ނެރޭ ވަގުތީ ރިޕޯޓް ވޯޓުލައި ނިމޭތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނެރޭނަން. އަދި ދެ މަސްތެރޭ ފައިނަލް ރިޕޯޓު ނެރޭނަން. މި ދިރާސާ އިން ކުރިއަށް ހުރި އިންތިހާބުތަކަށް އެހީތެރިވެދޭނެ." ކުކާން ވިދާޅުވި އެވެ.
އިލެކްޝަން ކަންތައް ބަލައި ދިރާސާކުރުމަކީ އިންސާނީ ހައްގުތައް ޕްރޮމޯޓުކޮށް މުޅި ދުނިޔޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަކީ އީޔޫގެ ޕޮލިސީ އަކަށްވާ އިރު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އީޔޫ އޯއެމްގެ ފަރާތުން 25 އޮބްސާވަރުން ބައިވެރިވާނެ އެވެ.