09 Mar 2014, 13:43
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޔޮޓް ޓުއާޒް ކުންފުނިން މާލެ ވެސްޓް ޕާކް ހިންގުމަށް ދީފައިވާ މުއްދަތު މިދިޔަ އަހަރު ހަމަވެފައިވި ފަހުން ވެސް އެތަން އެ ކުންފުނިން ހިންގަމުންދާ އިރު އެތަނުގެ ކުލި ވެސް ދައްކަމުން ނުދާކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލް މޭޔަރު މުހައްމަދު ޝިހާބު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ވެސްޓްޕާކް ހިންގުމަށް ޔޮޓްޓުއާޒް ކުންފުންޏާ ހަވާލުކުރި އެއްބަސްވުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ހަމަވެފައިވާ ކަމަށާއި އޭގެ ފަހުން ސިޓީ ކައުންސިލާއި އެ ކުންފުންޏާ ދެމެދު އެއްވެސް ފައިސާގެ މުއާމަލާތެއް ހިނގާފައިވާނުވާ ކަމަށެވެ.
ވެސްޓްޕާކް ހިންގުމަށް ޔޮޓްޓްއާޒަށް ދިން މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވުމަށް ފަހު އެތަން ހިންގުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ކުރީގެ މަޝްއޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރާ ހިންގުން ހަވާލުކުރުމަށް ނިންމައިފަ އެވެ. ނަމަވެސް މުއްދަތު ހަމަވުމުގެ ކުރިން ވެސްޓް ޕާކް ހިންގުމަށް އެހެން ބަޔަކަށް ދިނުމަށް ނިންމި މައްސަލައިގައި ޖާބިރު ވަނީ ކޯޓަށް ވަޑައިގެންފަ އެވެ.
މުއްދަތު ހަމަވެފައި ވަނިކޮށް ކުލި ނުދައްކާ ހަ މަސް ދުވަސް ވަންދެން ވެސްޓްޕާކް ހިންގަމުންދާ މައްސަލާގައި އެތަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް އަމުރަކަށް އެދިފައެއްނުވެ އެވެ.
ކާށިދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ޖާބިރު ކުރިމަތިލައްވާފައިވާ އިރު ވެސްޓްޕާކްގެ އެއް ސަރައްދު ވަނީ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ހާއްސަކޮށްފަ އެވެ. އަދި އެތަނުގައި ކާށިދޫ ދާއިރާގެ އޭނާ އަށް ތާއިދުކުރާ މީހުނަށް ހިލޭ ކެއުމުގެ އިންތިޒާމް ވެސް ވަނީ ހަމަ ޖައްސައިފަ އެވެ.