އިންޓަނެޓް މެދުވެރިކޮށް ސްޓްރީމް ކޮށްގެން ރޭޑިއޯ އަޑުއަހާލެވޭ ހިދުމަތެއް ސެމްސަންގް އިން ތައާރަފް ކޮށްފި އެވެ.

މިލްކް މިއުޒިކް ގެ ނަން ދެވިފައިވާ މި ހިދުމަތަކީ އަދުގެ ބާޒާރުގައި ހުރި ރޭޑިއޯ ސްޓްރީމް ކުރެވޭ އެޕްލިކޭޝަން ތަކާ ހިދުމަތްތަކަށް ވުރެ ފަސޭހަ، އަވަސް އަދި ފަސޭހައިން ކަސްޓަމައިޒް ކުރެވޭ ހިދުމަތެއް ގޮތުގައި ސެމްސަންގް އިން ދަނީ އިޝްތިހާރު ކުރަމުންނެވެ.

200 ރޭޑިއޯ ސްޓޭޝަންއެއް މެދުވެރިކޮށް 13 މިލިއަން ލަވަ އަޑުއަހާލެވޭ މި ހިދުމަތް އެމެރިކާގައި ތައާރަފް ކޮށްފައިވަނީ 7 މާޗް ވީ ހުކުރު ދުވަހުއެވެ.

“މިއުޒިކް ގެ ދާއިރާ ތޮށްޖެހިފައި ވީ ނަމަވެސް، އަހަރަމެން ދެކޭގޮތުގައި ކުރިއަށް ދިއުމުގެ ޖާގަ އަދިވެސް އެބަ އޮތް،” ޑެރަން ސޫއީ، ސެމްސަންގްގެ މީޑިއާ ސޮލޫޝަންސްގެ މިއުޒިކް ޑިވިޝަންގެ ނައިބު ރައީސް ބުންޏެވެ.

ޒަމާނީކޮށް ފަރުމާކޮށްފައިވާ ސެމްސަންގް ގެ މިލްކް މިއުޒިކް އެޕްލިކޭޝަންގައި އަޑުއަހާލަން ބޭނުންވާ “ޖޮންރޭ”ހިޔާރުކޮށް، އެންމެ އަޑުއަހާ ހިތްވާ ރޭޑިއޯ ސްޓޭޝަންތައް އެއްކޮށް އެއް ތަނެއްގައި ފެން ގޮތަށް ހެދެއެވެ. އަދި ވަކިވަކި ލަވަ ވެސް “ފޭވަރިޓް” ލަވައިގެ ގޮތުގައި މާކް ކުރުމަށްފަހު ފަސޭހައިން އަޑު އަހާލެވެއެވެ.

މިލްކް މިއުޒިކް އެޕްލިކޭޝަން ހަދާފައިވަނީ ސްލެކަރ ނަމަކަށް ކިޔުނު މިއުޒިކް ސްޓްރީމިން ސާވިސް އެއްގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް ސްލެކަރގެ ހިދުމަތް ހޯދާ ފަރާތްތަކުން މަހަކު 4 ޑޮލަރުގެ ފީ އެއް ދައްކަން ޖެހޭއިރު މިލްކް މިއުޒިކް ލިބެނީ ހިލެއެވެ. އަދި ސްލެކާ އާ ހިލާފަށް މިލްކް މިއުޒިކްގައި އެއްވެސް އިޝްތިހާރެއްވެސް ނުހުރުއެވެ.

އެމެރިކާގައި ގޫގުލް ޕްލޭ ސްޓޯރ އިން މިލްކް މިއުޒިކް އެޕްލިކޭޝަން މިހާރު ޑައުންލޯޑް ކުރެވެން ހުރި އިރު، މި އެޕްލިކޭޝަން އެޅެނީ ހަމައެކަނި ސެމްސަންގް ގެ ގެލެކްސީ ސީރީޒްގެ ފޯނުތަކަށެވެ. މި ހިދުމަތް އަދި ލިބެން ހުރީ އެމެރިކާގައި އެކަންޏެވެ.