09 Mar 2014, 11:56
ދީނީ ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން ރާއްޖޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ޓެރަރިޒަމްގެ ކަންކަން ހިނގަފާނެ ފަދަ މަންޒަރުތައް ފެންނަމުންދާ ކަމަށް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އައިލްސް އިން ކުރިއަށްގެންދާ ޓެރަރިޒަމްގެ މައްސަލަތައް ތަހްގީގު ކުރުމާއި ބެހޭ ކޯސް ފެއްޓެވުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިޔާތުގައި ޝަމީމް ވިދާޅުވީ ދީނީ ހިޔާލުތަފާތުވުންތަކުގެ ވާހަކަ ދެކެވިފައި ނެތުމުން މީގެ ކުރިން ޓެރަރިޒަމްގެ ކަންކަން ރާއްޖޭގައި ހިނގާފައިވާ ކަމަށެވެ. އެހެން ކަމުން މިހާރަށް ވުރެ "ތަންކޮޅެއް ފުންކޮން" ދީނީ ހިޔާލުތަފާތުވުންތަކާ ގުޅޭ ވާހަތައް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތެރޭގައި [ދީނީ ހިޔާލު ތަފާތުވުންތަކާ ގުޅޭ] ޑައިލޮގު އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވުމުގެ ސަބަބުން މީގެ ކުރިން ޓެރަރިޒަމްގެ އަމަލުތަކެއް ހިނގާފަ އެބަ ހުރި. އެކަން މިހާރު އަލުން ތަކުރާރުވާ ކަހަލަ ގޮތެއް، ތަކުރާރުވާ ފަދަ މަންޒަރެއް ފެނިގެންއެބަދޭ. އަޅުގަނޑުމެން އެބަޖެހޭ މިހާރަށް ވުރެ ފުންކޮށް ވިސްނަން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މިއަދު ފެށި ޓެރަރިޒަމް ތަހްގީގާ ގުޅޭ ތަމްރީންގެ ސަބަބުން ޕޮރޮސެކިއުޓާ ޖެނަރަލް އޮފީހަށާއި ފުލުހުންގެ މުވައްސަސާ އަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އިންވެސްޓިގޭޓިން ޓެރަރިސްޓް އިންސިޑެންޑް" ނަމުގައި މިއަދު ފެށި ކޯހުގައި ޖުމްލަ 20 ފުލުހުން ބައިވެރިވެ އެވެ.