އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ޓޮޓެންހަމް ހޮޓްސްޕާ އަތުން ފަސޭހަކަމާ އެކު މޮޅުވެ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީން ލީޑް ބޮޑުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިމުނު ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ފަރާތުން ހަތަރު ލަނޑު ފެނިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗެލްސީގެ ކެމަރޫން ފޯވަޑް ސަމުއެލް އެޓޫ އެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ޓޮޓެހްނަމްގެ ފްރާންސް ޑިފެންޑަރު ޔޫނުސް ކަބޫލް އަށް ރަތް ކާޑެއް ދައްކާ ޗެލްސީ އަށް ޕެނަލްޓީ އެއް ލިބުނެވެ. ޗެލްސީ އަށް ޕެނަލްޓީ ލިބުނީ ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓޫ އަށް ކަބޫލް ކުރި ފައުލަކާއި ގުޅިގެންނެވެ. ޗެލްސީގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް އެވެ.

ޗެލްސީގެ ފަހު ދެ ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ނުކުތް ޑެމްބަ ބާ އެވެ. ޑެމްބަ ބާގެ ފުރަތަމަ ލަނޑު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑު ކާމިޔާބުކުރީ އޭގެ މިނެޓެއް ފަހުންނެވެ. މެޗު ނިމިގެންދިޔައީ 4-0 ލަނޑުން ޗެލްސީ ކުރީގައިި އޮވެގެންނެވެ.

މި ސީޒަނުގައި ގިނަ ނާކާމިޔާބީތަކާއި ކުރިމަތިލަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑް ވަނީ ވެސްޓް ބްރޮމް އަތުން މޮޅުވެފަ އެވެ. 3-0 ލަނޑުން ޔުނައިޓެޑް މޮޅުވި މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ އެޓީމަށް ލީޑު ހޯދައިދިނީ އިނގިރޭސި ޑިފެންޑަރު ފިލް ޖޯންސް އެވެ. މެޗުގެ 65 ވަނަ މިނެޓުގައި އެޓީމުގެ ދެ ވަނަ ލަނޑު ވޭން ރޫނީ ކާމިޔާބުކޮށްދިން އިރު، ތިންވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކް އެވެ.

ރެލިގޭޝަންގެ ބިރުގައި އޮތް ކާޑިފް ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗުން ކާޑިފް މޮޅުވީ 3-1 ލަނޑުންނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅު ތެރޭގައި ކާޑިފް އަށް ލީޑް ހޯދައިދިނީ ސްޓީވެން ކޯލްކާ އެވެ. މެޗުގެ 59 ވަނަ މިނެޓްގައި ލެވިސް ހޯލްޓްބީ ފުލަމް އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ނަމަވެސް 67 ވަނަ މިނެޓްގައި ކޯލްކާ ވަނީ އަލުން ކާޑިފް އަށް ލީޑް ނަގައިދީފަ އެވެ. ކާޑިފްގެ ތިންވަނަ ލަނޑަކީ މެޗުގެ 71 ވަނަ މިނެޓްގައި ފުލަމްގެ ސަސްޗާ ރިއެތާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، ކްރިސްޓަލް ޕެލަސް އަތުން 1-0 ލަނޑުން ސައުތެމްޓަން މޮޅުވި އިރު، ނޮވިޗް އާއި ސްޓޯކް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ.

ޕްރިމިއާ ލީގުުގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، އެއް ވަނައިގައި ޗެލްސީ އޮތީ ކުޅުނު 29 މެޗުން ލިބުނު 66 ޕޮއިންޓާ އެކު އެވެ. ކުޅުނު 28 މެޗުން ލިބުނު 59 ޕޮއިންޓާ އެކު ލިވަޕޫލް ދެ ވަނައިގައި އޮތް އިރު، ތިން ވަނައިގައި އޮތް އާސެނަލް އަށް ވެސް ލިބިފައިވަނީ 59 ޕޮއިންޓެވެ. ހަތަރު ވަނައިގައި ކުޅުނު 26 މެޗުން ލިބުނު 57 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.