ޑޮލަރު ލިބުމުން ފަސޭހަވެފައިވާތީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އާމުންގެ އަތުން ޑޮލަރު ގަތުން ހުއްޓާލައިފި އެވެ.

އެސްޓިއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ އެކުންފުނިން މީގެ ކުރިން އާމުންގެ އަތުން ޑޮލަރުގަތް ނަމަވެސް ޑޮލަރު ގަތުން ހުއްޓާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ އާމުންގެ އަތުން ޑޮލަރު ގަތުން މުޅިން ހުއްޓާލާފައި،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އާމުންގެ އަތުން ޑޮލަރު ގަތުން ހުއްޓާލީ ސަރުކާރުންނާއި ބޭންކްތަކުން އެކުންފުއްޏަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭތީ ކަމަށެވެ.

މީގެ ކުރިން އެސްޓީއޯ އަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ހެޔޮ އަގުގައި ޑޮލަރު ނުލިބުމެވެ.

ޑޮލަރު ވިއްކޭނެ އަގު 15.42ރ. އަށް ކަނޑައަޅާފައިއޮތް ނަމަވެސް އާމުގޮތެއްގަިއ މީގެ ކުރިން ޑޮލަރު ގަނަން ލިބެނީ 17ރ. އާއި 18ރ. ދެމެދުގަ އެވެ. ނަމަވެސް މިހާރު ޑޮލަރު ލިބުން ވަނީ ފަސޭހަ ވެފަ އެވެ. ފަސޭހަ ކަމާ އެކު 16ރ. އަށް މިހާރު ޑޮލަރު ލިބޭ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

ސަން އާ ވާހަކަ ދެއްކި ބައެއް ވިޔަފާރި ވެރިން ބުނެފައިވައި ވަނީ ޑޮލަރު ލިބުން ފަސޭހަ ވެފައިވާ ކަމަށެވެ. އެއް ސަބަބެއް ކަމަށް ބުނަނީ ޓޫރިޒަމް ރަނގަޅުވެ މަޝްހޫރު މީހުން ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އައިސް ބޮޑު ހަރަދުތަކެއް ކުރުމެވެ.