ވަގަށް ނަގާފައިވާ ޕާސްޕޯޓް ގެންގުޅޭ ދެމީހަކު، އިއްޔެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓުން ދަތުރުކުރިކަން އެނގިއްޖެ އެވެ.

ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ ޒިންހުއާ އިން ބުނީ މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ނަމްބަރު ފްލައިޓުން ދަތުރުކުރި ކަމަށް ލިސްޓްކޮށްފައިވާ އުމުރުން 61 އަހަރުގެ އޮސްޓްރިއާ މީހާ އެ ފްލައިޓުން ދަތުރު ނުކުރާކަން އޮސްޓްރިއާގެ ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އޭނާ އޮސްޓްރިއާގައި ގަދަވެ ސަލާމަތުން އެބަހުރި ކަމަށް ވެސް އޮސްޓްރިއާ ފޮރިން މިނިސްޓްރީއާ ހަވާލާދީ ޒިންހުއާނިއުސް ބުންޏެވެ. އޮސްޓްރިއާ މީހާގެ ޕާސްޕޯޓް ގެއްލިފައި ވަނީ 2012 ވަނަ އަހަރު ތައިލެންޑްގައި ހުއްޓައި ކަމަށް އޮސްޓްރިއާ ފޮރިން މިނިސްޓްރީގެ ސްޕޯސްސް ޕާސަން މާޓިން ވިއެސް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ގެއްލުނު ފްލައިޓުން ދަތުރުކުރި ކަމަށް ލިސްޓްކޮށްފައިވާ އިޓަލީގެ އުމުރުން 37 އަހަރުގެ ލުއިޖީ މަރަލްޑީގެ ބައްޕަ ޒިންހުއާ ނިއުސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ތައިލެންޑްގައި އެބަހުރި ކަމަށެވެ.

ނަމަވެސް މެލޭޝިއާ އެއާލައިނުން ބުނެފައި ވަނީ ވަގަށް ނަގާފައިވާ ދެ ޕާސްޕޯޓްގައި ދެ މީހުން ދަތުރުކުރިކަން މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ.

ވަގަށް ނެގި ދެ ޕާސްޕޯޓްގައި މީހުން ދަތުރުކުރުމާ ގުޅިގެން، ފްލައިޓް ގެއްލުމުގެ ހާދިސާގައި ޓެރަރިޒަމްގެ އަމަލެއް ހިނގާފައި ވެދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެފަދަ ކަމެއް އަދި ކަށަވަރު ނުވާ ކަމަށް ވެސް އެމެރިކާގެ އިސް އޮފިޝަލަކު ވަނީ ބުނެފަ އެވެ.