ދާދި މިދާކަށް ދުވަހަކު ކުރީގެ އެކުވެރިޔަކާއި ދިމާވި އެވެ. ވަރަށް އާދައިގެ ގޮތަކަށް މީގެ ހަފްތާއެއްގެ ކުރިން ފެނުނު އޭނާ މިހާރު ހުރީ ޒަމާނީ ވެފަ އެވެ. އެންމެ ފަހުގެ ފޯނެއް އަތުގައިއޮތެވެ. އަރައި ހުރީ އެދުވަހު ގަތް ކަމަށް ބުނާ ވަރަށް އާ އޭނާގެ ސައިކަލަށެވެ. ލައިގެން ހުރީ އެންމެ މިޒަމާނުގެ އަންނައުނެވެ.

އަހަރެން ފުރަތަމަ ހީކުރީ އޭނާ ރަނގަޅު ވަޒީފާއަކަށް ދިޔައީ ކަމަށެވެ. ނަމަވެސް އޭނާ ކުއްލިއަކަށް މުއްސަނދިވާން ދިމާވި ސަބަބަކީ އެއީ އެއް ނޫނެވެ. އޭނާ ބުނާ ގޮތުން ނަމަ "ކެނޑިޑޭޓެއް ފެލާލީ" އެވެ.

ސޯޝަލް ނެޓްވޯތަކުންނާއި ސައި ހޮޓާތަކުންނާއި ގޭގެ ސިޓިން ރޫމްތަކުން ވެސް މިހާރު އިވޭ އެންމެ ގަދަ އަޑަކީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާހަކަ އެވެ. ފޯރި ގަދަ ކެމްޕެއިންގެ ވާހަކަތަކެވެ. ތިމާ ސަޕޯޓްކުރާ ނުވަތަ ތިމާ ޕާޓީގެ ކެނޑިޑޭޓް ހޮވުމަށް ކުރާ މަސައްކަތްތަކުގެ ވާހަކަތަކެވެ. ރީތި ލަވަތަކާއި މޮޅެތި ޝިއާރުތަކުގެ ވާހަކަތަކެވެ.

މިއީ ޑިމޮކުރަޓިކް މުޖުތަމައުއެއް ކަމުން އެއީ އުފާވާ ފަދަ މަންޒަރުތަކަކަށް ވެދާނެ އެވެ. ނަމަވެސް ފަހަކަށް އައިސް ކޮންމެ އިންތިހާބަކާ އެކު ވެސް "ހުތުރު" އަމަލުތަކެއް ދަނީ އާންމުވަމުންނެވެ.

"އަހަރެމެން ދާއިރާ ގޮނޑި ނަގާކަށް ނުޖެހޭ މާގިނައިން ރައްޔިތުން ވެގެން އުޅޭކަށް. ދެ މިލިއަނެއްހާ ރުފިޔާ އެއްކޮށް ހަރަދުވާނީ. އެއްބައި ޖެހޭނީ ބަހާނެ ބަޔަކަށް ދޭން. އަނެއް ބައި ބެހީމާ ގޮނޑި ލިބޭނެ،" ސިޔާސީ ވާހަކަތައް ކިޔާދެމުން އެކުވެރިޔަކު ބުންޏެވެ.

އާންމުވެފައިވާ ހުތުރަކީ ތަރައްގީގެ ހަލާކެއް ކަމުގައިވާ ކޮރަޕްޝަނެވެ. ނޫނީ ވޯޓް ގަނެ، ވިއްކުމެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ވެސް ފައިސާ ބެހި އެވެ. އެހިތްވަރާ އެކު އެ ހުތުރު އަމަލު ހިންގާ ފަރާތްތަކުން މިފަހަރު ވެސް ދަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވެސް ކަޅު ފައިސާގެ ބޭނުން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަން އެނގޭ ކިތަންމެ ހެއްކެއް އެބަވެ އެވެ. ނިމިގެން ދިޔަ ޕާޓީތަކުގެ ޕްރައިމަރީޒްތަކުގައި ވެސް ސީދާ ފާޅުގައި ފައިސާ ބެހި އެވެ. ޑިމޮކުރަސީއަށް ވަކާލާތު ކުރާ މުޖުތަމައުއެއްގައި މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ރާއްޖޭގެ ކޮރަޕްޝަން އިންތިހާ އަށް އޮތް ކަމުގެ ހެކިތައް ބައިވަރެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން ހެދި ގްލޯބަލް ކޮރަޕްޝަން ބެރޮމޯޓާ (ޖީސީބީ) ސާވޭ އިން ދައްކާގޮތުގައި ރާއްޖޭގައި އެންމެ ކޮރަޕްޓް މުއައްސަސާތަކަކީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތައް އަދި ޝަރުއީ ދާއިރާ އެވެ. މިސާވޭގެ ބައިވެރިންގެ ތެރެއިން 62 ޕަސަންޓް މީހުން ބުނެފައި ވަނީ ރާއްޖޭގައި ކޮރަޕްޝަނަކީ ވަރަށް ބޮޑު އަދި ސީރިއަސް މައްސަލައެއް ކަމަށެވެ. ވަކި ވަކި މުއައްސަސާތަކަށް ބަލާ އިރު، އެންމެ ކޮރަޕްޓްކަމަށް ގިނަ މީހުން ދެކެނީ ރައްޔިތުންގެ މަޖިލީހެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން 60 ޕަސަންޓް މީހުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ތަނެއް ކަމަށެވެ.

"ވޯޓް ގަންނަ ބާޒާރެއްގެ ވާހަކަ ދެކެވޭ. އަހަރުން އަހަރު ގޯސް ވާ ވާހަކަ ވެސް ދެކެވޭ. މީގަ އެބަހުރި ގާނޫނީ ގޮތުން މަޖިލީހުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް. މިހާރު މިވާގޮތަކީ ޑުރެކިއުލާއަށް ބުލަޑް ބެންކް ހަވާލުކުރުން ކަހަލަކަމެއް. އެކަން ކުރާކަމަށް (ރިޝްވަތުދޭކަމަށް) ތުހުމަތުކުރެވޭ ފަރާތްތަކުން މިދަނީ އެތަނަށް( މަޖިލީހަށް) ވެސް،" ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އައިމަން ރަޝީދު ވިދާޅުވި އެވެ.

އަތޮޅު ތެރެއެއް މާލެ އެއް ތަފާތެއް ނެތެވެ. އެކި ނަން ނަމުގައި ދަނީ ފައިސާ ބަހަމުންނެވެ. އެއް ބައި ފަހަރު "އެހީ"ތައް ކަމަށް ބުނާ އިރު އަނެއް ބައިފަހަރު ދެނީ ހަދިޔާގެ ނަމުގަ އެވެ. ވޯޓް ދޭނީ ކިހާވަރެއް ދިނީމައޭ އަހާ ކެނޑިޑޭޓުން ވެސް މަދެއް ނޫނެވެ. ފައިސާ ބަހާ ކެނޑިޑޭޓުން ގިނަ އިރު ހިފާ މީހުން ވެސް މަދެއް ނޫނެވެ. ޑިމޮކުރަސީ ކަމަށް ބުނާއިރު ލަދުވެއްޗެވެ.

ސިޔާސީ މީހުން ސިޔާސީ ބޭނުމަށް ފައިސާ ބަހާކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވެސް އެއްބަސްވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ ނުފޫޒު ފޯރުވުމާއި ރިޝްވަތު ބެހުމަކީ ސިޔާސީ ބައެއް މީހުން ވަރަށް ފާޅުގައި ކުރާ ކަމެއް ކަމަށެވެ.

"ތިއީ ހިނގާ ކަމެއް. ބައެއް ކެންޑިޑޭޓުން ފާޅުގައި ނުކުމެވެސް އެބަ އުޅޭ ހަމަ ރިޝްވަތު ބަހަން. ބޭނުމީ ބިލު ދައްކަންތޯ، ކުލި ދައްކަންތޯ، ކިޔަވަން ދާންތޯ އަހައި ހަމަ އެކަމަށް ފައިސާ ދޭ މީހުން އެބަ އުޅޭ،" މަހްލޫފް ވިދާޅުވި އެވެ.

އިންތިހާބުގެ ކޮރަޕްޝަން ހުއްޓުވުމަށް ދެން ބޭނުން ވަނީ ކޮން ކަމެއްތޯ އެވެ؟ މަހްލޫފްގެ ހިޔާލަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިހާރަށް ވުރެ ބޮޑަށް ޒިންމާދާރު ކުރުވުމެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަން ޖެހޭ މިއަށް ވުރެ ބޮޑަށް ޒިންމާދާރުވާން. ކޮރަޕްޝަން ހިނގާ ނަމަ އެބަޖެހޭ އެކަންތައް ބަލައި ރިޕޯޓް ނެރެ އެ ރިޕޯޓްގައިވާ ކަންތައްތައް ވެސް ތަންފީޒު ކުރަން. ތަންފީޒު ނުކުރެވުމަކީ ހަމަ ވަރަށް ބޮޑު މައްސަލައެއް،" މަހްލޫފް ވިދާޅުވި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ގޮތުގައި އިންތިހާބްތަކާއި ގުޅިގެން އަމިއްލަ ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު އެކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގާފައިވާ ކަމަށެވެ. އެފަދަ މައްސަލަތަކުގައި ފިޔަވަޅުތައް އެޅޭނީ އިލެކްޝަން ކޮމިޝަނަށް ކަމަށް ލުތުފީ ވިދާޅުވި އެވެ.

މި ލިޔުމަށް އިލެކްޝަންސް ކޮމިޝަނުގެ ބަހެއް ވަނީ ނުލިބިފަ އެވެ.

އިންތިހާބާއި ބެހޭ ގަވައިދުގެ 14 މާއްދާގައި ބުނެގައިވަނީ ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެން ނުވާނެ ކަމަށެވެ. އަދި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާ އެއް އެއްވެދާނެ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެންނުވާނެ ކަމަށެވެ.

ނަމަވެސް އެކަން އިންތިހާއަށް ކުރެ އެވެ. އޭގެ ސަބަބުން ދިމާވެދާނެ ކަންތައްތަކަކީ ކޮބައިބާވަ އެވެ؟

"ކޮންމެ ހެން ނުޖެހޭ ރައްޔިތުން ގާތަށް ދާކަށް. އަހަރެންނަށް ވޯޓް ދިނިއްޔެއް ނޫން. އަހަރެން ވޯޓް ގަތީ. އެހެންވެ" މިމޭރުމުން މީގެ ކުރިން ބައެއް މަޖިިލިސް މެމްބަރުން ބުނެފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެ އެވެ. އެގޮތަށް ބަހާ ރިޝްވަތުގައި ހިފާ ނަމަ އެގޮތަށް ބުނެވުމުގެ ފުރުސަތާއި އެ މެމްބަރާއި ރައްޔިތުންނާއި އޮންނަން ޖެހޭ ގުޅުން ނެތުމުގެ ފުރުސަތު ބޮޑެވެ. އަދި ކުރި ހަރަދު ހޯދުމަށް ދުވާލަކު ޕާޓީއަކަށް އެ މެމްބަރަކު ބަދަލުވުމުގެ ފުރުސަތުވެސް އެބައޮތެވެ. ގާނޫނު ހެދުމުގެ ބަދަލުގައި މެމްބަރުގެ ވިސްނުން އޭރުން ހުންނާނީ އެހެން ދިމާއަކަށެވެ.

ސިޔާސީ ފަރާތްތަކުން ބުނާ ނަމަ ރާއްޖެ އަދިވެސް މިއޮތީ ޑިމޮކުރަސީގެ ޅަފަތުގަ އެވެ. އެހެން ކަމަށްވާ ނަމަ ޅައިރު އެކުރާ ހުތުރު ކަންކަމީ ދޮށީ އުމުރަށް ދާއިރު އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަންކަން ކަމަށް ބެލެވެ އެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތައް ވަރަށް ރީއްޗެވެ. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ ޑޮމިކުރަސީ ކަމަށް ބުނާއިރު ބަހަނީ ފައިސާ ކަމެވެ.